އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަނުގައި 62 ވޯޓުގެ ތަފާތަކުން ސަރުކާރުގެ ކެންޑިޑޭޓް ބަލިކޮށް އެގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަބްދު ﷲ ސާދިގު (ސޯބެ) އެވެ.
އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ވާހަކަ ގއ. ގައްދޫގައި ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރު ނިކުތީ މުޅި ދައުލަތް އެ ދާއިރާއަށް އަރިކޮށްލައިގެން ކަމަށެވެ. އެގޮތުން ފައިސާ ބަހައި، ފޯރުވެން އޮތް ނުފޫޒެއް ދިޔައީ ފޯރުވަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ފިސާރި ބައްޔަކުން ބަލިވެ އަމިއްލަ ސަރުކާރުގެ ކަށްވަޅު ކޮނެފައިވާކަމަށް ނަޝީދު ސިފަކުރެއްވިއެވެ. އަދި ދެން އެމްޑީޕީން ކުރަން އޮތްކަމަކީ މި ސަރުކާރު ވަޅުލައިދިނުންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ނަމަވެސް، ވަޒީފާގެ ބިރުވެރިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހިލުންވާ ކަމަށެވެ.
އިއްޔެ އިންތިހާބުން ބަލިވުމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގައި ހިތަދޫން އިން ލަދުވެތިގޮތަކަށް ސޯބެ ބަލިކޮށްފައިވާކަމަށެވެ. އަދި މުޅި އެމްޑީޕީއެކުގައި އައްޑޫ ސިޓީއަށް އެރުމުންވެސް ސޯބެ ބަލިވީކަމަށް ފަލާހް ވިދާޅުވިއެވެ.
އިއްޔެގެ ނަތީޖާއިން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އައްޑޫ ސިޓީން އޮތް އިތުބާރާއި ލޯބި ކަމަށާއި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށްކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;