އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު 4 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންވެ، އެ އަދަދު ވަނީ 15 އަށް އިތުރުވެފަ އެވެ.
ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް ދެ ޑޯޒް ވެކްސިން ޖަހަ އެވެ. ފުރަތަމަ ޑޯޒް ޖަހަނީ ކުއްޖާ އަށް ނުވަ މަހުގަ އެވެ. ދެވަނަ ޑޯޒް ޖަހަނީ ދޮޅު އަހަރުގަ އެވެ.
އެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.
ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ.
ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.
- ހުން އައުން.
- ހަމުގައި ރަތް ބިހިތަކެއް ނެގުން.
- ކެއްސުން.
- ނޭފަތުން އަރިދަފުސް ފޭބުން.
- ލޯ ރަތްވުން.
މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;