ރައީސް ސޯލިހު ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެއެވެ.
ނަމަވެސް، ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް އަދި ހިލޭ ދިނުމުގައި އެފަދަ އެއްވެސް ހަމައެއް ފެންނަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި މުއާމަލާތުން އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށް ކަމަށާއި، މިކަމުން ދިވެހިރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ އެއްވެސް ފައިދާއެއް ލިބޭތަން ނުފެންނަ ކަމަށެވެ. އަދި އެ 500 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ކަމަށްވާއިރު، އެ ބިން އީގަލް ހިލްސަށް ހިލޭ ދިނުމުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އެ ކުންފުނިން އަޅާނެ ކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓް ވެސް ގަންނަން ޖެހެނީ ދިވެހި ސަރުކާރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވަނީ މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް އެފަދައިން ވިދާޅުވީ ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
ހަމައެއާއެކު ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެއީ އެ މީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި އަލީ ވަނީ މީގެ ކުރިން ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާއެކު އެ ނިންމެވުން މުރާޖާކޮށްދިނުމަށް އެ ކޯޓަށް އަލުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކުއްލި މައްސަލައާއި ގަރާރު ވެސް މިކަމުގައި ހުށަހަޅައިފައެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި
މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ