ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރްދުޣާނަށް، ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ގުޅުން ހަރުދަނާވުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާ ކަމެއް ކަމަށެވެ.
މި މެސެޖުގައި ރައީސް ވަނީ ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، ތުރުކީ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
މިމުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށާއި މިއީ އެ ގައުމުގެ ސިޔާދަތާއި، ތަރައްގީ އާއި ގައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ގަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތު ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އަންނަ މަހު އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ތޮއްޔިބު އުރްދުޣާނާއި ބައްދަލުވެވަޑައިގެން، އެބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ރައީސް، ތުރުކީއަށް ވަނީ ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ބޭއްވި މަޝްވަރާތަކާއެކު ތުރުކީން ވަނި ރާއްޖެއަށް އަސްކަރީ މަނަވަރެއްވެސް ހަދިޔާކުރައްވާފަ އެވެ. އަދި ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާއި މިހާރު ވަނީ އަމަލު ކުރަންވެސް ފަށާފަ އެެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1979 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހު އެވެ.