ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް މަރުހަބާ ދަންނަވައި، ފައްޔާޒް ވަނީ މިއަދު ކުރިއަށް ދިޔަ އިންތިހާބުން ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.
އެމްޑީޕީން އަދި ވަގުތީ ނަތީޖާ އިއުލާނު ނުކުރިޔަސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އަދި މި ކާމިޔާބީ ފާހަގަކުރަން، މިރޭ އާޓިފިޝަލް ބީޗަށް އެއްވާން ވެސް އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ އަދި ޕާޓީގެ ވިންދަކީ އާންމު މެމްބަރުންކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިއީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް އެމްޑީޕީގެ އާންމު މެމްބަރުން ދިން ވޯޓެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފައިވާ ކަމަށާއި ނަޝީދަށް ދިން ވޯޓާއެކު "ބޮޑު ބަދަލު" ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދާއި، ފައްޔާޒާ އެކުވެ، މިހާރު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ކެމްޕޭނެއް ކުރައްވަމުންނެވެ. ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗެއާޕާސަންކަން ބޭނުންވަނީ އެ "ބޮޑު ބަދަލު" ގެނައުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ.
އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.
އަދި ފައްޔާޒްގެ ވެރިކަމެއްގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ވަނީ ހާމަކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;