ads
ފީފާ ވޯލްޑް ކަޕް 2026 ގައި ގަތަރުން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހި ވަގުތު--
ފީފާ ވޯލްޑް ކަޕް: ފަހު ވަގުތު ގަތަރަށް މުހިންމު ޕޮއިންޓެއް!
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ސްވިޒަލެންޑް މޮޅުވާން ދަނިކޮށް ގަތަރުން ނަތީޖާ ހަމަހަމަކޮށް ތާރީހީ ޕޮއިންޓެއް ހޯދައިފި އެވެ.
Advertisement

އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި 67،966 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ސްވިޒަލެންޑުން ލީޑުނެގީ 17 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބްރީލް އެމްބޯލޯ ޖެހި ގޯލުންނެވެ. މިއީ، ގަތަރުގެ ގޯލްކީޕަރު، މަހުމޫދު އަބޫނާދާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ސްވިޒަލެންޑުގެ ރެމޯ ފްރެއުލާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނުމުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ރަނގަޅަށް ނުހިފާ ކަމަށް ގަތަރުން ވަނީ އެޕީލްކޮށްފަ އެވެ. 

ދެ ވަނަ ގޯލެއް ޖަހަން ސްވިޒަލެންޑަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގައި ބޭނުންނުހިފުނެވެ. 

މުޅި މެޗު ޑޮމިނޭޓްކޮށް 70 ޕަސަންޓަށް ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން ކުޅުނު ސްވިޒަލޭންޑަށް ހައިރާން ކުރުވަނިވި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ގަތަރުން ނަޓިޖާ ހަމަހަމަ ކުރުމުންނެވެ. 

މެޗުގެ 90 މިނެޓް ހަމަވެގެން، އިތުރަށް ދެއްކި ހަ މިނެޓްގެ ތެރެއިން ހަތަރު ވަނަ މިނެޓުގައި ގަތަރުގެ ހޮމާމް އަލް އަމީން ތަނަވަސްކޮށްދިން ފުރުސަތަކުން، އެ ޓީމުގެ ޑިފެންޑަރު ބޫއާލެމް ކޯކީ، ވަނީ އޭރިއާ މެދުތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ސްވިޒަލޭންޑްގެ ކީޕަރު ގްރެގާ ކޮބެލް އަށް، އެއްވެސް ފުރުސަތެއް ނުނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ގަތަރުން ހޯދި ފުރަތަމަ ޕޮއިންޓެވެ. 

މި ނަތީޖާއާއެކު ގްރޫޕް ބީގައި ކޮންމެ ޓީމެއް މެޗެއް ކުޅުނުއިރު ހުރިހާ ޓީމެއް ވަނީ ހަމަހަމަވެފަ އެވެ. ގަތަރު ކޯޗު ހޫލިއަން ލެޕޮޓީގް ބުނީ މިއީ މިއާއެކު އިތުރު ކަންތައްތަކަށް އުއްމީދު ކުރަން ގަތަރަށް ހައްގު ކަމަށެވެ.

އޭނާ ބުނީ މުބާރާތުގެ ދެ ވަނަ މެޗަށް ތައްޔާރުވާން ޖެހޭއިރު ގަތަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޯލްޑް ކަޕުގެ ތަޖުރިބާ މަދުވުން ކަމަށެވެ.

"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަރާމުކޮށް އަނެއް މެޗަށް ތައްޔާރުވާން ޖެހޭ. މިވަރުގެ ތަޖުރިބާއެއް އަހަރުމެންގެ ކުޅުންތެރިންގެ މަދު،" ކޯޗު ބުންޏެވެ.

ވޯލްޑް ކަޕްގައި ގަތަރުން އެންމެ ފުރަތަމަ ކުޅުނީ، މީގެ ހަތަރު އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގަ އެވެ. އެފަހަރު މުބާރާތް އެ ޓީމުން ނިންމާލީ އެއްވެސް ޕޮއިންޓެއް ނުހޯދި އެވެ. މުބާރާތުގައި ގަތަރު ދެން ނުކުންނާނީ ބުރާސްފަތި ދުވަހު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;