ލޮކްޑައުން އާއި އެކު ގޭގައި ތިބެގެން ކުރާ ހުުރިހާ ކަމެއް ވެސް ކުރަން ޖެހިފައި އޮތީ ފޯނުން ނުވަތަ އޮންލައިން ކޮށެވެ. އިންޓަނެޓްގެ ޒަރިއްޔާ އިން މުނިފޫހިފިލުވުމުގެ އިތުރުން، ކިޔެވުމާއި ވަޒީފާގެ ކަންތައްތައް ވެސް އަދާކުރަން ޖެހުނެވެ.
މިއާއި އެކު ރާއްޖޭގެ މުވާސަލާތީ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ގިނަ ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ.
އެގޮތުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އޭޕްރިލް 19 ވަނަ ދުވަހު އެކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކުރަން ނިންމި ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމްތަކުން ދިނުމަށް ދިރާގުން ނިންމި އެވެ.
ރާއްޖެ އިން ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނިގެން މިއަދާއި ހަމައަށް ދިރާގުން ގިނަ ކަންތައްތަކެއް ތައާރަފްކޮށްފައި ވާއިިރު، އެކުންފުނިން ވަނީ އެކުންފުނީގެ އާންމު ކަސްޓަމަރުންނާއި ވިޔަފާރިތަކާއި އޮފީސްތަކަށް ވެސް ގިނަ ލުއިތަކެއް ފޯރުކޮށްދީފަ އެވެ.
ދިރާގުން ވަނީ ކޮވިޑް-19 އާ އެކު ދިރާގު މަމެން ކަސްޓަމަރުން މާޗް މަހު ނެގި އެޑް އޮންތަކުން 50 އިންސައްތަ ޑިސްކައުންޓް ދީފަ އެވެ. ވިޔަފާރިތަކާއި އޮފީސްތަކަށް ލުއި ދިނުމުގެ ގޮތުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކުން 25 އިންސައްތަ ޑިސްކައުންޓް ދިރާގުން ދިނެވެ. ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ވެސް ދިރާގުން ވަނީ ދީފަ އެވެ.
މީގެ އިތުރުން، މާޗް އަދި އޭޕްރިލް މަހު އިންޓަނެޓް ޕެކޭޖުތަކަށް 30 އިންސައްތަ އިތުރު ޑޭޓާ ހިލޭ ދިނުމާއި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑްލްތަކުން 30 އިންސައްތަ ޑިސްކައުންޓް ދިރާގުން ވަނީ ދީފަ އެވެ. އަދި ވޮއިސް އެޑް-އޮން، "ވޮއިސް15"ގެ އަގު 50 އިންސައްތަ އެކުންފުނިން ވަނީ ކުޑަކޮށްފަ އެވެ.
ގިނަ ދުވަސްތަކެއް ނުވެ ދިރާގުން ވަނީ ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން 50 އިންސައްތަ ޑިސްކައުންޓް ދީފަ އެވެ. އަދި ގޭގައި ތިބެގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާ ވަރު އިތުރުވާން ފެށުމާއި އެކު ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ ދީފަ އެވެ.
އޭޕްރިލް މަސް ނިމުމާއި އެކު ދިރާގުން ވަނީ ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދޫކުރާ ޑޭޓާގެ މިންވަރު އިތުރުކޮށްފަ އެވެ. އެގޮތުން އެޕްރީލް މަހާއި މެއި މަހު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 އިންސައްތަ އާއި 140 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވަންސް އެއް ދޭން ދިރާގުން ވަނީ ނިންމާފަ އެވެ. މޮބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތަ އާއި 70 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭނެ ކަމަށާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް މަންތުލީ ޑޭޓާ އެޑް އޮންއަށް އިތުރު 50 އިންސައްތަ ޑޭޓާ ވެސް ދޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވެސް ދިރާގުން ވަނީ 75 ރުފިޔާ އަށް ތިން ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއްވެސް މޭ މަހުގެ ނިޔަލަށް ތައާރަފްކޮށްފަ އެވެ.
ދިރާގުން ވަނީ ކަސްޓަމަރުންނާއި ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ނަގުދު ފައިސާގެ ބޭނުން ކުރުމުގެ ބަދަލުގައި އެކުންފުނީގެ "ދިރާގުޕޭ" މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އިލްތިމާށްކޮށްފަ އެވެ. އަދި މިކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން ވަނީ ގިނަ ވިޔަފާރިތަކަކަށް ދިރާގުޕޭ ގާއިމުކުރުމުގެ މަގުފަހި ކޮށްދިނުމުގެ ގޮތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމަށް މާޗެންޓް ޓްރާންސެކްޝަން ފީ ތިން މަސްދުވަހަށް ނުނެގުމަށް ނިންމާފަ އެވެ. މި ލުއި އެކުންފުނިން ވަނީ މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގުޕޭ އާ ގުޅޭ ވިޔަފާރިތަކަށް ވެސް ދީފަ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދާ ދިނުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް އޭޕްރިލް އެކަކުން ފެށިގެން ޖޫން 30 ވަނަ ދުވަހަށް 20 އިންސައްތަ ބޯނަސް ކްރެޑިޓް ހިލޭ ދީފަ އެވެ. އަދި އެ މުއްދަތުގައި ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން ފަސް އިންސައްތަ ޑިސްކައުންޓް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.
އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާއަށް ދިރާގުޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް މަގުފަހިކޮށް، ދިރާގުޕޭގެ ހިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ، ފަސް ވިޔަފާރި ދިރާގު ޕޭ މެދުވެރިކޮށް ކުރުމުން، 50 ރުފިޔާ ހިލޭ ދިރާގު ޕޭ ވޮލެޓަށް، އެ ހަފުތާ އެއް ނިމުމުން ޖަމާވެގެން ދާނެ ގޮތް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ.
ދިރާގުން ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ އެކްސެސް ދީފަ އެވެ. އަދި ކޮވިޑް-19 ގެ ޓާސްކްފޯސްގެ ބޭނުމަށާއި އެޗްޕީއޭގެ އެންގުމަށް އައިސޮލޭޝަންގަޔާއި ކަރަންޓީންގައި ތިބި މީހުން ބޭނުންކުރަން އިންޓަނެޓުގެ ކަންކަން ވެސް ދިިރާގުން ވަނީ ހަމަޖައްސާދީފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ކުރިއަށްވުރެ އިތުރަށް ބޭނުން ކުރަން ޖެހިފައިވުމާއި އެކު ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ހާއްސަ އެޑިއުކޭޝަން ޒޯނެއް "އެޑިއު ޒޯން"ގެ ނަމުގައި ތައާރަފްކޮށްފަ އެވެ. މި ހިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ގޮތާއި ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިނގާނެ ގޮތް ދިރާގުން ވަނީ ހަމަޖައްސާދީފަ އެވެ.
މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކޮށްދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަަކީ އެ ކުންފުނިން ހެލްތު މިނިސްޓްރީ އަށް ހަދިޔާކުރި ކޮވިޑް-19 ބަލީގެ ސާމްޕަލްތައް ނެގުމަށް ހާއްސަކޮށްފައިވާ "ސާމްޕްލިންގް ކިއޮސްކް" ތަކެވެ. ދިރާގުން ވަނީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި، ބަލިމީހާއާއި ގައިދުރުކަން ބަހައްޓައިގެން ސާމްޕަލް ނެގޭގޮތަށް ފަރުމާކޮށްފައިވާ 15 ކިއޮސްކް ހަދިޔާ ކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ދަނީ އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތު ދިރާގުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ދިރާގުން ބުނެ އެވެ.