އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް މިއަދު ބާސެލޯ ނަސަންދުރަ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށާއި ފަންނުވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ.
ރައީސް ވަނީ، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގުތިސާދުން ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރުކުރައްވައިފަ އެވެ. މިގޮތުން، ގޫގުލްއާއެކު ދިވަރު އިންޓަނޭޝަލް ސަބްމެރިން ގެނައުމުގެ މަސައްކަތް ފެށީ ވެސް އެ ތަޞައްވުރާ އެއްގޮތަށްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހި ކާބަފައިން ރާއްޖެއާ ދުނިޔެ ގުޅުވައިދިނީ، ކަނޑުމަގުން ކަމަށާއި މިއަދު އެ ކަން ކުރަނީ ޑިޖިޓަލް އިގުތިޞާދުގެ ތެރެއިން ކަމަށެވެ. ރައީސް ވަނީ، ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒަރުން މި ލިބުނު ފުރުސަތާއެކު، އޭގެ ފައިދާ ނެގުމަށް ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ ބާއްޖަވެރި މުސްތަގުބަލެއް ލިބޭނީ ފުރުސަތުތަކުގެ ބޭނުން ހިފާ ބަޔަކަށް ކަމަށްވާއިރު، "މޯލްޑިވްސް 2.0" އަދި މި ފެށުނީ ކަމަށާއި އެ ވައުދު މިއަދު ހަގީގަތަކަށް ހަދައިދެވުނީ ކަމަށެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ޓްރެޑިޝަނަލް ސެކްޓާތަކަށް ބަރޯސާވެގެން އިގްތިސޯދީގޮތުން ކުރިއަށް ނުދެވޭނެ ކަމަށާއި އިގްތިސޯދު ފުރިހަމަގޮތުގައި ސިންދަފާތު ކުރެވޭނީ އާ ދާއިރާތައް ކުރިއަރުވައިގެން ކަމަށެވެ.
ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓުގެ އެއް ހިއްސާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ ދުނިޔޭގެ ބޮޑެތި ޑިޖިޓަލްް އިންފްރާސްޓްރަކްޗާތައް ހޯސްޓުކޮށް، ގްލޯބަލް ހަބެއްގެ ގޮތުގައި މަސައްކަތް ކުރަން ރާއްޖެ ތައްޔާރުކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން އުރީދޫން ބުނެފައިވާ ގޮތުގައި ބޭރުން ފޮނުވާ ފައިސާ އެމް-ފައިސާގެ ތެރޭގައި އިންނަ ޕޭޕަލް ވޮލެޓަށް ޖަމާވުމުން، އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެއްޓަށް ފޮނުވޭނެ އެވެ. މި ޑޮލަރު ވޮލެޓުގައި ހުންނަ ފައިސާ ބީއެމްއެލް އާއި އެމްއައިބީ ފަދަ ލޯކަލް ބޭންކުތަކަށް ފޮނުވައިގެން ނަގުދު ފައިސާގެ ގޮތުގައި ނެގޭނެ އެވެ.
ގިނަ އަހަރުތަކެއްގެ އިންތިޒާރަކަށް ފަހު ޕޭޕަލް ތައާރަފުވެގެންދާއިރު، މިއީ ފްރީލާންސަރުންނާއި އަމިއްލައަށް ތަކެތި އުފައްދައިގެން ވިއްކާ މީހުންނާއި، އެހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;