ads
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ބޭއްވި ޖަލްސާގައި، ޕޭޕަލް ތައާރަފްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެރުވި ހާއްސަ ހަނދާނީ ފިލައެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސްއާ ހަވާލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ސައީދު ރައީސް އަށް؛ ތިޔައީ ޑިޖިޓަލް ބަދަލު ގެނެސްދިން ޗެމްޕިއަން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާ ނުލައި ރާއްޖެއަށް ޕޭޕަލް ނުގެނެވުނީސް ކަމަށާއި ރައީސްއަކީ ރާއްޖެ މިއަދު މި ދެކޭ ޑިޖިޓަލް ބަދަލު ފައްޓަވައިދެއްވި "ޗެމްޕިއަން" ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.
Advertisement

އުރީދޫ މޯލްޑިވްސްގެ "އެމް-ފައިސާ" މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް މިއަދު ވަނީ ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. މި ހިދުމަތް ތައާރަފުކުރީ މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ހިދުމަތް ތައާރަފްކުރަން މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްކެވި ވާހަކައިގައި މަސައްކަތް ކުރެއްވީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާއި މި ސަރުކާރުގެ ބުރަ މަސައްކަތުންކަން ދެއްކުމަށެވެ.

މިއަދު އުރީދޫ ފިންޓެކުން ރާއްޖެއަށް ޕޭޕަލް ތައާރަފްކޮށްފައިވާއިރު، އެކަމަށްޓަކައި ސައީދު ޝުކުރު އަދާކުރެއްވީ ރައީސްއަށެވެ.

"ތާރީހުގައި މަނިކުފާނުގެ ނަން ލިޔެވިގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލު ފައްޓަވައިދެއްވައި، ކްރިއޭޓާ އިކޮނޮމީގެ ޕޮޓެންޝަލް ހުޅުވައިދެއްވި ޗެމްޕިއަންގެ ގޮތުގައި، މަނިކުފާނުގެ ލީޑަޝިޕްއާ ނުލައި ޕޭޕަލް ހަގީގަތަކަށް ނުވާނެ،" ސައީދު ވިދާޅުވި އެވެ.

 

ސައީދު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް ޕޭޕަލް ދެކެމުން އައީ މިދާއިރާގައި ހުރި އެންމެ ފުރިހަމަ ނަމޫނާގެ ގޮތުގައިކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އެންމެ ބޭނުންތެރި، އެންމެ މުހިންމު ހައްލުކަމުގައިވެސް ދިވެހިން އަބަދުވެސް ގަބޫލުކުރާކަމަށާއި ދުނިޔޭގެ ބާޒާރުގައި ޕޭޕަލްގެ ހިއްސާ ބޮޑުކަމުން، އެހެން ހުރިހާ ވަސީލަތްތަކަކަށްވުރެ އެ ހިދުމަތުގެ ނުފޫޒާއި މުހިންމުކަން ބޮޑުކަމަށް ވިދާޅުވި އެވެ. 

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ މި ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ގާއިމު ކުރުމަކީ ޑިޖިޓަލް ހިދުމަތްތައް ރާއްޖެއަށް ފޯރުކޮށް ދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. 

ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ ރަސްމީކޮށް އުރީދޫ ފިންޓެކްއަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

 

މީގެ ކުރިން އުރީދޫން ބުނެފައިވާ ގޮތުގައި ބޭރުން ފޮނުވާ ފައިސާ އެމް-ފައިސާގެ ތެރޭގައި އިންނަ ޕޭޕަލް ވޮލެޓަށް ޖަމާވުމުން، އެ ފައިސާ އެމް-ފައިސާގެ ޑޮލަރު ވޮލެއްޓަށް ފޮނުވޭނެ އެވެ. މި ޑޮލަރު ވޮލެޓުގައި ހުންނަ ފައިސާ ބީއެމްއެލް އާއި އެމްއައިބީ ފަދަ ލޯކަލް ބޭންކުތަކަށް ފޮނުވައިގެން ނަގުދު ފައިސާގެ ގޮތުގައި ނެގޭނެ އެވެ. 

ގިނަ އަހަރުތަކެއްގެ އިންތިޒާރަކަށް ފަހު ޕޭޕަލް ތައާރަފުވެގެންދާއިރު، މިއީ ފްރީލާންސަރުންނާއި އަމިއްލައަށް ތަކެތި އުފައްދައިގެން ވިއްކާ މީހުންނާއި، އެހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;