ކުޑޫ ހުށަހެޅުއްވި ސުވާލުގައި ބުނީ ގާނޫނުއަސާސީގެ 115ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ތަފާތުކުރުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން އުސޫލަކުންތޯ އާއި ކީއްވެގެންތޯ އެ ސުވާލުގައިވެ އެވެ.
ނިމިގެން ދިޔަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނުގައި ބައިވެރިވި ބައެއް ފަރާތްތައް ސަރުކާރު ކުންފުނިތަކުން ވަކިކުރަން ވަނީ ފަށައިފަ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެ މީހުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި އެބަ ތިބި ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ބައެއް މީހުން ވަޒީފާއިން ވަކިކޮށްގެން، ހިލޭ ގާނޫނީ އެހީ ފޯރުކޮށްދޭނެ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.
ސިޔާސީ ފިކުރާ ގުޅުވައި މީހުން ވަޒީފާއިން ވަކި ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުގެ އިތުރުން އެކި މީހުންގެ މައްޗަށް ސިޔާސީ ދައުވާ އުފުލަމުންދާ ދިޔުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މިރޭ އޮތް އެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވަނީ ފާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;