ސަރުކާރުގެ ފަރާތުން، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ރައްޔިތުން މަޖިލިހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.
އަބުރާ ބެހުމުގެ ސަބަބު ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލާ 50،000 (ފަންސާސް ހާސް ) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާއި ދެމެދުގެ ބަދަލެއް ނަގާ ދެވިދާނެކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި، ދައުވާކުރާ ފަރާތަށް ލިބުނު މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދެވޭ މިންވަރު، 500،000 (ފަސް. ލައްކަ) ރުފިޔާއަށްވުރެ ބޮޑުވެގެންނުވާނެކަމަށްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.
ސޯޝަލް މީޑިއާގައިވެސް އަބުރާ ބެހުމަކީ ކުށެއް
އިންޓާނެޓްގެ ބޭނުންކޮށްގެން ހާމަކުރާ ލިޔުމެއްގައި ނުވަތަ ތައްޔާރުކޮށް ހިންގާ ވެބްސައިޓެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ނުވަތަ ނެރޭ އޮންލައިން ނޫހެއްގައި ނުވަތަ ބްލޮގެއްގައި ނުވަތަ އެނޫންވެސް އިންޓާނެޓް މެދުވެރިކޮށް އާންމުކުރާ އެއްޗެއްގައި ނުވަތަ ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް
ޝާއިއުކޮށްގެން ނުވަތަ ހިމަނައިގެން ނުވާނެކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
އެގޮތުން އެއިން އެއްވެސް ތަނެއްގައި އަބުރާބެހެވޭ ފަދަ އެއްޗެއް ލިޔުނު ފަރާތް ނުވަތަ ޝާއިއުކުރާ ފަރާތް ނުވަތަ ހާމަކުރާ ފަރާތް ނުވަތަ އެ ފަދަ އެއްޗެއް އިތުރު ފަރާތްތަކަށް ފަތުރާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަމަށް ވެސް މި ބިލުގައިވެއެވެ. އަދި އަބުރާބެހެވޭފަދަ އެއްޗެއް ލިޔެފައިވަނީ ނުވަތަ ޝާއިއުކޮށްފައިވަނީ ނުވަތަ ހާމަކޮށް ފައިވަނީ އޮންލައިންކޮށް ހިންގާ ނޫހެއްގައިނަމަ، އެ ނޫހެއްގެ މަސްއޫލުވެރި ފަރާތާއި އެޑިޓަރު އަދި ނުވަތަ އެ ވެބްސައިޓެއްގެ ވެރިފަރާތުން މި ޤާނޫނުގެ ދަށުން ޒިންމާ އުފުލަންޖެހޭނެކަމަށްވެސް ވަނީ ބިލުގައި ކަނޑައަޅާފަ އެވެ.
މަޖިލީހުގައި ބޭނުން ވާހަކައެއް ދެއްކޭނެ
މީގެއިތުރުން ރައްޔިތުން މަޖލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި މެމްބަރަކު ދައްކާ ވާހަކައަކުން ވަކި ފަރާތެއްގެ އަބުރާ ބެހެވޭފަ އެއްޗެއް ބުނި ނަމަވެސް އެއީ އަބުރާ ބެހުންކަމުގައި ނުބެލެވޭނެކަަމަށްވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.