އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ހިނގަނީ މުސާރަ އާއި ސަބްސިޑީއަށް ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް ރާވާފައިވާ މައިގަނޑު އެއް ފިޔަވަޅަކީ މުސާރައަށް ކުރާ ހޭދަ ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ އެޗުއާރު އޮޑިޓުގެ ތެރެއިން މުވައްޒަފުން ބޭނުންވާ މިންވަރު ދެނެގަނެ، މުވައްޒަފުން ބޭނުންވާ ތަންތަން ކަނޑައަޅާނެ ކަމަށެވެ. އަދި ބޭނުންވާ މިންވަރަށް ވުރެ ގިނައިން މުވައްޒަފުން ތިބި އޮފީސްތަކުން، މުވައްޒަފުން ބޭނުންވާ އެހެން ދާއިރާތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ އަހަރީ ބަޖެޓަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ މުވައްޒަފުންނަށް ހިނގާ ހަރަދެވެ. ކުރިއަށް އޮތް އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެސް މުވައްޒަފުންގެ މުސާރައަށް 7.91 ބިލިއަން އަދި އެކި އިނާޔަތްތަކަށް 6.51 ބިލިއަން ރުފިޔާ ހިމަނައި، ޖުމުލަ 14.4 ބިލިއަން ރުފިޔާ މުވައްޒަފުންގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 492 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ.
މި ފަދަ ބޮޑު ހަރަދެއް ހިނގާއިރު، އިދާރާތަކުގައި މުވައްޒަފުން އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ބޭކާރު ގޮތުގައި ވަސީލަތްތައް އިސްރާފުވަމުންދާ ވާހަކަ އަކީ ސިޔާސީ ޕޯޑިއަމްތަކުގައި އާއްމުކޮށް ދެކެވޭ، އެހެންނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމެކެވެ. އޭގެ ގެއްލުން ކުރިމަތިވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އާންމު ހިދުމަތްތަކަށެވެ.