ads
2026 ވަނަ އަހަރުގެ ބަޖެޓް ފޮތް މެންބަރަކު ވިދާޅުވަނީ - ފޮޓޯ/ރައްޔިތުންގެ މަޖިލިސް
އަތް ފޯރާ ހިސާބަށް ދިއުމަށް، ހަރަދު ކުޑަކުރުން އަވަސް ކޮށްދީ!
އެއްވެސް ގައުމެއްގެ އިގްތިސޯދީ ދުވެލި ހަމަ މަގަށް އެޅުވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ދައުލަތުގެ މާލީ ސިޔާސަތުތަކަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ސިޔާސަތުތަކަކަށް ވާންޖެހެ އެވެ. "އަތް ފޯރާ ހިސާބަށް ދިއުން" މިއީ ހަމައެކަނި ތަކެތީގެ އަގު ހެޔޮވުމެއް ނޫނެވެ. އެއީ އާންމު ފަރުދުންނަށް ލިބޭ އާމްދަނީއާއި ކުރަންޖެހޭ ހަރަދާ ދެމެދު އޮންނަ ފަރަގު ކުޑަވެ، ހާސްކަމެއް ނެތި ދިރިއުޅެވޭނެ މަގު ތަނަވަސްވުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ މިވަގުތުން މިވަގުތަށް ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ.
Advertisement

ދިރުން ހުރި އިގްތިސޯދެއް ބިނާކުރުމަށްޓަކައި ހަރަދު ކުޑަކުރުން އަވަސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދައުލަތުން ބޭކާރު ގޮތުގައި ކުރާ ހަރަދުތައް ގިނަވާނަމަ، އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ކުރެ އެވެ. ސަރުކާރުތަކުގެ ސިޔާސީ ހަރަދުތައް ކުޑަކޮށް، އިސްރާފު މަދުކުރުމުން ދައުލަތުގެ ބަޖެޓަށް "އިތުބާރު" ލިބި ރައްޔިތުންގެ ތަނަވަސް ކަމަށް ދިރުން ލިބެ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްގެން އެކަނި ރާއްޖޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތަކުން ސަލާމަތް ވެވެން ނެތް ކަން އެއީ މިއަދުގެ އެއް މާލީ ހަގީގަތެވެ. ދައުލަތުގެ/ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވަރަށް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ވެސް ތަކުރާރުކޮށް ބުނަމުން އެދަނީ މި ސަބަބަށްޓަކަ އެވެ.

މި ހާލަތުން އަރައިގަތުމަށް އަދިވެސް ހަމައެކަނި އޮތް ފިޔަވަޅަކީ ހަރަދުތައް ކުޑަ ކުރުން ކަމަށް އިގްތިސޯދީ އިލްމުގެ މާހިރުން އެ ދަނީ ވިދާޅުވަމުން ނެވެ. އެ ނޫން "ޗޮއިސް" އެއް ނެތެވެ. ދިވެހި ގައުމުގެ މިއަދު މިދެކޭ އިގްތިސޯދީ ހާލަތު މިހާ ހިސާބަށް ދިޔައީ ޑެފިސިޓް އިންތިހާ އަށް ބޮޑު ބަޖެޓުތައް ތަންފީޒު ކުރަން އުޅުމުންނެވެ. ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަނި ނަގާ ނަގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ދައުލަތުގެ ޖުމްލަ ދަރަނި ވަނީ "ބޮޑުކޮށް" އިތުރުވެފަ އެވެ.

މިދިޔަ އަހަރު އިގްތިސާދީ ދުވެލި 6.3 އިއްސައްތަ ހުރި ނަމަވެސް، މި އަހަރު 0.7 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ޖޫން 2026ގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ލަފާކޮށްފަ އެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމާއި ތެލުގެ އަގު އުފުލުން އަދި ބޭރުގެ މާލީ އެހީތެރިކަން ހޯދަން ދަތިވުމުގެ ސަބަބުން ދިމާވާނެ ހީނަރުކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދު އެހާ ބޮޑަށް ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ހަނގުރާމައާ ގުޅިގެން މިއަހަރުގެ އިންފްލޭޝަން ރޭޓު ހަ ޕަސެންޓަށް އުފުލޭނެ އެވެ. ހާލަތު މިހެން އޮތް އިރު ބަޖެޓު ޑެފިސިޓް އިންތިހާއަށް އުފުލި، ބޭރު ފައިސާއަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ދަރަންޏަކީ މެދުރާސްތާގައި ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވޯލްޑް ބޭންކުން އަބަދު ވެސް ފާހަގަކުރެ އެވެ. މި ހާލަތުން އަރައި ގަތުމަށް އޮތް ހައްލަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅު އެޅުން އަވަސް ކުރުމެވެ. ނަމަވެސް ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެކުލަވާލާ ސިޔާސަތުތައް ތަންފީޒުކުރުން 9 ނޮވެމްބަރު 2025 ދުވަހު އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވި ފަދައިން "އިބިލީހު ކައިވެންޏަށް" ވެގެން ލިބޭނެ މޮޅެއް ނެތެވެ.

"އަހަރުން އަހަރަށް ދަރަނި މި އިތުރަވަނީ އަޅުގަނޑުމެން ހަރަދުތައް ކުޑަނުކޮށްގެން. ހަދަރުތައް ކުޑަ ކުރުމުގެ ސިޔާސަތުތައް މި ހުންނަނީ ސަސްޓެއިނަބަލް ލެވެލްއެއްގައެއް ނޫން،" ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުކުރުން ކޮންމެ އަހަރަކު ވެސް ފަސްކުރަމުންދާ ކަމަށެވެ.

"ދަމުންދަމުން ގޮސްފައި އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ހަރަދު ކުޑަކުރުމުގެ ކަންތައް މިހާރު މިހުރީ އިބިލީހުގެ ކައިވެންޏަށް ވާގޮށް ވެފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އަދި ވެސް އޮތީ އެތެރެއާއި ބޭރުގެ ބޮޑު ދަރަންޏެވެ. މިއަހަރުގެ ބާކީ އޮތް ބަޔަށް ބަލާއިރު އަދިވެސް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ބޭރުގެ ދަރަނި ދެއްކުމަށް ބޭނުންވާ ކަމަށް ވޯލްޑް ބޭންކު ރިޕޯޓްގައި އެއޮތީ ފެންނާށެވެ. އެހެން ކަމުން އެ ރިޕޯޓުގައި ފާހަގަ ކުރި ފަދައިން ސުކޫކް ދެއްކުމާ ގުޅިގެން ރާއްޖެ ބަނގުރޫޓްވުމުގެ ހިރާސް ކުޑަވުމުން ފިޗުން އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި އިގުތިސޯދު ހަަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުން އެއް ޕަސެންޓަށް ދަށަށް ދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރެ އެވެ. 

ހާއްސަކޮށް، ބޭރު ފައިސާ މާރުކުރުުމުގެ އާ ގާނޫނުގެ ސަބަބުން ރިޒާވް ރަނގަޅުވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭއިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) ފެށުމަކީ ބޮޑު މޮޅެއް ގޮތުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދަކުން މި މަހުގެ 4 އިން 14އަށް ރާއްޖެ ކުރި އިގްތިސާދު މުރާޖައާކުރުމުގެ ދަތުރަށް ފަހު ނެރުނު ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި އެވެ.

ދެން އޮތީ ރައްޔިތުން އަތް ފޯރާ ހިސާބަށް ދިއުމަށް، ސަރުކާރާއި ދައުލަތުގެ ހަރަދު ކުޑަކުރުން އަވަސް ކޮށްދިނުމެވެ. ދައުލަތުގެ ދަރަނި މެދު ރާސްތާގައި މެނޭޖުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ "މިޑް ޓާމް ޑެޓް ސްޓްރެޓަޖީ" (އެމްޓީޑީއެސް)ގައި ކަނޑައަޅާފައިވާ ކަންތައްތަކާއި ސަރުކާރުގެ އަމަލުތަކާ ދިމާކޮށްލަ ދީ މިހާރު ހުރި ގިނަ މައްސަލަތައް ހައްލުކުރަން އޮޑިޓާ ޖެނެރަލް މިފަހުން ދިން މި ލަފާތަކާއި މެދު ވިސްނާ ފިކުރު ކޮށް އަމަލުން ތަންފީޒު ކުރާށެވެ. އެގޮތުން:

  • ފިސްކަލް ޕްލޭނިން އާއި ދަފަނި މެނޭޖުކުރުމުގެ ކަންކަން އެކުއެކީގައި ކުރިއަށް ގެންދިއުން

  • ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުން އަމަލުކުރާކަންކޮށް، މަޖިލީހުން ސަރުޖާރު ޖަވާބުދާރީކުރުވުން

  • އެމްޓީއެފްއެސް އާއި އެމްޓީޑީއެސްގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ދަރަންޏަށް ފައިސާ ނުނެގުން

  • ދައުލަތުގެ މާލީ އެހީއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުން

ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17 ބިލިއަނަށްވުރެ ގިނަ ފައިސާ މި އަހަރު ވެސް އެބަ ހަރަދު ކުރެ އެވެ. މީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 7،000 މުވައްޒަފުން އިތުރު އަދަދެކެވެ. މިހާރުވެސް ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. 

ދައުލަތަށް ލިބޭ އާމްދަނީގެ 99 ޕަސެންޓް ރިކަރަންޓް ހަރަދަށް ހޭދަ ކުރާއިރު، ކެޕިޓަލް ހަރަދުތައް ކުރަން އިތުރަށް ލޯނު ނަގަން ޖެހުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެފިޝަންސީ ރަނގަޅު ނުކޮށްފިނަމަ ދައުލަތަށް ލިބޭނެ ގެއްލުން އެމްއެމްއޭ އިން އެގެންދަނީ ކިޔައި ދެމުން ނެވެ. 

ރައްޔިތުން އަތްފޯރާ ހިސާބަށް ގެން ދިއުމަށް އިސްލާހު ކޮށްލަންވީ މިކަންކަމެވެ. ތަފާތު ފެންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;