ads
އަލީ ވަހީދު---
"މަޓީ އާއި ސަރުކާރުގެ މެދުގައި ކަންބޮޑުވާން ޖެހޭ ނުތަނަވަސްކަމެއް ނެތް"
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ނެރުނު ބަޔާނަކީ ސަރުކާރު ގައިގާ ކޮޅުފައިން ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނިކޮށް މަޓީ އާއި ސަރުކާރުގެ މެދުގައި ކަންބޮޑުވާން ޖެހޭ ނުތަނަވަސްކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ނޭޝަނަލް އެމެޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރާއި މަޓީއާ ދެމެދު އެއްވެސް ހާސްކަމެއް އަދި ނުތަނަވަސްކަމެއް ވެސް ނެތް ކަމަށެވެ.  

މަޓީގެ ފަރާތުން މިއަދާއި ހަމައަށް ސަރުކާރުން އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަޓީއަކީ ހަމައެކަނި އެތަނުގެ ބޯޑުގައި ތިބި ވިޔަފާރިވެރިންކަމަށް ދެކިގެން ނުވާނެ ކަމަށާއި އެއީ އެތައް ރައްޔިތުންނަކާއި ގުޅިފައިވާ ބައެއް ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަޓީއާއެކު އިތުރަށް މަޝްވަރާތައް ކުރެވިގެންދާނެ ކަމަށާއި ބައެއް ފަހަރު ހުރިހާ ނިންމުމަކީ އެންމެ ބޭނުންވާ ގޮތަށް ނިންމާ ނިންމުމަށް ވެސް ނުވެދާނެ ކަމަށެވެ. އަދި މަޓީއާއެކު ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. 

މަޓީން ނެރުނު ބަޔާނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ކުރިން ވަނީ މަޝްވަރާ ނުކުރާކަމަށް ބުނެފައިވާތީ އެކަމަށް ރައްދުދެއްވާފަ އެވެ.  

"މަޓީގެ ތިވިދާޅުވާ ޕްރެސް ސްޓޭޓްމެންޓް އަޅުގަނޑުވެސް ދެކުނިން. ދެން އަޅުގަނޑަކަށް ނޭންގެ އަޅުގަނޑު އެހެންވީމަ ވާހަކަ ދައްކަމުން މިޔޮށްހާ ދުވަހު އެ ދެވުނީ މަޓީގެ ބޭފުޅުންނޫން ބޭފުޅުންނާހެން އަޅުގަނޑަށް ހީވަނީ މިވީގޮތުން. އަޅުގަނޑު ހީކުރީ މަޓީގެ ބޭފުޅުންނާކަމަށް އަޅުގަނޑަށް ވާހަކަ ދައްކަމުން ދެވުނީ. އެހެން ނަމަވެސް އެބޭފުޅުން އެ ވިދާޅުވީ އެބޭފުޅުންނާ ވާހަކައެއް ނުދައްކައޭ. އެހެންމާ އަޅުގަނޑު ޖެހޭނީ ބަލާލަން އެ ވަޑައިގެންނެވި ބޭފުޅުން ސިފަ ބަދަލުކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުންނެއްތޯ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަޓީއާއި ވާހަކަ ދައްކަމުން ދިޔަކަމަށެވެ. އެގޮތުން ލޮކްޑައުން އަންނަންދެން ހަފްތާއަކު އެއްދުވަހު ބައްދަލުކުރަމުން ގޮސް ތިން ބައްދަލުވުން ބޭވުނު ކަމަށެވެ. އަދި އެ ބައްދަލުވުންތަކަށް މަޓީގެ ފަރާތުން ކަމަށް ވިދާޅުވެ ބޭފުޅުންތަކެއް ވަޑައިގެންނެވި ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

ރިލީފް ޕެކޭޖް ނެރޭވާހަކަ އާއި އޭގެ ތަފްސީލުވެސް އެ ބައްދަލުވުންތަކުގައި ހިއްސާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ބޭފުޅުންވެސް އެ އަދަދު މަދުކަންވެސް ފާހަގަކުރެއްވި ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ވިޔަފާރިއަށް އެހީވާއިރު އެ އެހީގެ ތެރެއިން ވަޒީފާ ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު މައިގަނޑު މަގުސަދުކަމަށެވެ. އެހެން ކަމުން އެހީދެވޭނީ އެ ވަޒީފާތައް ރައްކާތެރިކުރުމާއި ގުޅުވައިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މަޓީގެ ހުށަހެޅުންތަކާއި އެއްކޮށް ސަރުކާރަށް އެއްބަސްވެވޭނެކަންކަމާއި އެކު ސިޓީ އެއް ފޮނުވި ކަމަށާއި، އޭގެތެރޭގައި ރިސޯޓްތަކުގެ ކުލިން އެއްކުއާޓާ ލަސްކޮށްދެވޭނެގޮތަށް ހިމެނުނުކަމަށެވެ. އަދި ބަދަލުގައި މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި 8000 އިން ދަށުގެ މުވައްޒަފުންގެ މުސާރަ އުނިނުކުރުމާއި އޭގެ މަތިން ބައެއް މުސާރައިގެ ވަކި އިންސައްތައެއް އުނިކުރުމާއި އެހެން ނަމަވެސް އޭޕްރިލް މަހުގެ މުސާރައިން އެއްވެސް އެއްޗެއް އުނިނުކުރުމަށް މަޓީން އަމިއްލަޔައް ހުށަހެޅިކަމަށެވެ. އަދި އޭގެ އިތުރުންވެސް އެކަމާއި ގުޅިގެން މަޝްވަރާތައް ކުރިއަށް ދިޔަކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ. 

"މަޓީން އެ ނެރުނު ބަޔާނަކީ މިވަގުތު މިހާލަތުގައި ސަރުކާރު ގައިގާ ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ."

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެމަނިކުފާނަށް ވެގެންވާނަމަ ހުރިހާ ވިޔާފާރިތަކެއްގެ މުވައްޒަފުން ހިފަހައްޓާވަރަށް ސަރުކާރުން ފައިސާ ދޭނެކަމަށެވެ.އަދި ކުރެވޭނަމަ ކޮންމެ ރައްޔިތަކަށްވެސް އެހީތެރިވުމުގެ ގޮތުން ފައިސާ ދޭނެކަމަށާއި، އެހެން ނަމަވެސް ކަންކަން ކުރެވޭނީ ދައުލަތުގެ ނިޒާމު އޮންނަ ގޮތެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަމުން މިއަންނަނީ ދައުލަތުން ކުރެވެން އޮތް އޮންމެ ރަނގަޅަށް މިކަންކަން ކޮށްދެމުން ކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް