ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
ބޭންކްތަކަށް ދޫކުރާ ޑޮލަރު 25 ޕަސެންޓް އިތުރުކުރަނީ
ފަތުރުވެރިކަމުގެ އޮފް-ސީޒަން ދުވަސްވަރާ ދިމާކޮށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު %25 އިތުރުކުރަން ނިންމައިފި އެވެ.
Advertisement

އެމްއެމްއޭއިން އެގޮތަށް އަމަލު ކުރަން ފަށާނީ މިމަހުގެ 28 އިން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ކޮންމެ ހަފްތާއަކު ވެސް ބޭންކްތަކަށް ދޫކުރާނީ ޑޮލަރު އިތުރަށެވެ.

އެމްއެމްއޭ އިން ބުނީ، ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ޓޫރިޒަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 ޕަސެންޓް އިތުރެވެ.

ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާ އާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް ތެލާއި ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 30 ޕަސެންޓް އިތުރުވެފަ އެވެ.

"މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ،" އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މި އިތުރުކުރި ކުރުމުގެ ސަބަބުން، ޓޫރިޒަމްގެ އޮފް ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އޮފް ސީޒަންގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ ތިން މަހު ރާއްޖެއަށް ޓޫރިސްޓުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެއާ އެކު ޓޫރިޒަމުން ލިބެމުން އައި އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާ މާކެޓް ހަރުދަނާކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރުމާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހިމެނެ އެވެ.

ބެންކުތަކަށް ދޫކުރާ ޑޮލަރު މިންވަރު އިތުރުކުރިއިރު، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ދަށެވެ. އެހެންވެ، ޑޮލަރެއްގެ އަގު އުފުލި، 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. 

އޭގެއިތުރަށް، ގައުމީ ބޭންކު ބީއެމްއެލްއަށް ލިބޭ ޑޮލަރަށްވުރެ، ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއިން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ.

އެކަމަކު، މި މަސް ނިމުމުގެ ކުރިން ޑޮލަރުގެ ލިމިޓަށް ލުޔެއް ދޭނެކަން އެ ބެންކުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;