ވެރިކަން ހިންގާ ނިޒާމަށް ބަދަލުތަކެއް ގެެންނަން ބޮޑު ބަދަލުގެ ނަމުގައި ހުށައެޅުމެއް ހުށައަޅާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައިސް މުހައްމަދު ނަޝީދެވެ. އަދި އެ މަސައްކަތް ކުރުމަށް އެމްޑީޕީގައި ވަނީ ހާއްސަ އޮފީހެއްވެސް ގާއިމުކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮންނަން ބޭނުންވާ ނިޒާމު ރައްޔިތުން އޮތީ ވަރަށް ސާފުކޮށް ނިންމާފައި ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ވެސް އޮތީ ސާފުކޮށް ރިޔާސީ ނިޒާމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުބީ ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ސިފަތައް އެކުލެވޭ، ކޮންމެވެސް ވަރަކަށް ބަރުލަމާނީ ސިފަތައް ވެސް އެކުލެވޭ "ހައިބްރިޑް ނިޒާމެއް" ކަމަށެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮވެގެން ވާގޮތް ފެންނަމުން ދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ބަރުލަމާނީ ގެނައިމާ ރާއްޖެއަށް ވާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރާއްޖޭގައި އޮތް އެއްބައިވަންތަކަން ނަގާލަން ރައްޔިޔުން ބޭނުންވާހެން ހީފުޅުވެޑައި ނުގަންނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތީ ޕާޓީ ނިޒާމު ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕާޓީއެއްގެ ލީޑަރަކަށް ތާއީދުކުރުމުގެ ގޮތުން އެފަދަ ބަދަލަކަށް މަދު ބަޔަކު ތާއީދުކޮށްފާނެކަމަށެވެ. އަދި ޕާޓީއެއްގެ ލީޑަރު ނިންމައިގެން އެ ފަދަ ކަމަކަށް ދާ މީހުން އެއީ އެންމެ ރަނގަޅު ގޮތްތޯ ނުބަލަފާނެކަަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނަޝީދާއި ފައްޔާޒު ހުށައެޅުއްވި ބޮޑު ބަދަލުގައި ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައަޅާ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ހެދުން ހިމެނެ އެވެ. އެގޮތުން ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުމާއި ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުންވެސް ވަނީ ބޮޑު ބަދަލުގައި ހިމެނާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;