ވެވުނު ވައުދާއެކު އިހްސާސްވީ އަމާންކަމެވެ. ލިބުނު ހިތްހަމަޖެހުމުގައި ކައިރާގެ ނިއްކުރީގައި ކިސްކޮށްލީމެވެ.
"މަންމާ.. ބައްޕާ.." ބީނިޝްގެ އަޑު މުޅި ގޭތެރޭގެ ފަޅުކަން ފިލުވައިލި އަޑާއެކު ކައިރާ ތެޅިގަތެވެ. އަހަރެންގެ ގައިމަތީން ފުންމައިގެން ތެދުވެއްޖެ އެވެ.
"ހާސް ނުވޭ.. ހަމަޖެހިލާ"
"ބީނިޝްއަށް ފެނިދާނެ"
ހާސްވެފައި ކައިރާ ބުނެލި ގޮތުން ހިނިވެސް އައި އެވެ.
"ފެންނާނެ.. މާ ބޮޑަށްވެސް ފެންނާނެ.. މިއީ ބީނިޝްގެ މަންމަ އާއި ބައްޕަ.. އެހެންވީމައި ފެންނާނެ!" ޗޮކެއް ކަނޑާލާފައި އަހަރެން ބުނީމެވެ.
"ނޫން.. މިފަދަ ހާލަތެއްގައި ތިއްބައި ބީނިޝްއަށް ފެންނާކަށް ބޭނުމެއް ނޫން"
"މިފަދަ ހާލަތެއްގައި؟ ކޮން ހާލަތެއްގައި؟"
ލާނެއް ގޮތެއް ދައްކައިލަމުން އަހަރެން ސުވާލު ކުރީމެވެ.
"މާލިކްގެ ގައިމަތީގައި އޮއްވައި.."
ލަދުވެތިކަމާއެކު އިސްޖަހައިލަމުން ކައިރާ ބުނެލި އިރު އޭނާގެ މޫނުގެ ކުލަ މަޑުފިޔާތޮށި ކުލައަށް ބަދަލުވެއްޖެ އެވެ.
"އަހަރެންގެ ގައިމަތީގައި ބީނިޝް ވެސް އޮވޭ" އަހަރެން ބުނީމެވެ.
"އެއީ ކުޑަކުއްޖެއް"
"އެއީ އަހަރުމެން ދެމީހުންގެ ދަރިފުޅު.. ތިއީ އަހަރެންގެ..."
"އަހަރެންގެ..؟ މާލިކްގެ ކާކު..؟"
"މަންމާ.." ކޮޓަރީގެ ދޮރު ހުޅުވައިލާފައި ނުހަނު ބާރަށް ބީނިޝް އެތެރެއަށް ވަނީ ކައިރާއަށް ގޮވަމުންނެވެ.
"ބައްޕާ.." ކޮޓަރިއަށް ވަނީ ކައިރާއަށް ގޮވަމުންނެވެ. އަހަރެން ފެނުމާއެކު ދެ އަތް ފުޅާކޮށްލާފައި ދުވެފައި އައީ އަހަންނާއި ދިމާއަށެވެ.
"ހެލޯ، ކަޕްކޭކް" ލޯތްބާއެކު އުފުލާލަމުން ކޮލުގައި ބޮސްދިނީމެވެ.
ޕާކުގައި ބީނިޝް ކުރިކަންކަމާއި ކުޅުނު ކުޅިވަރުތަކާއި، ކެއި އެއްޗެހީގެ ލިސްޓު ކިޔަމުންދިޔައީ ހިތްހަމަޖެހުމާއި އުފަލާއެކު އެވެ.
ފަހަދު އާއިއެކު ތިން ބުރަށް އައިސްކްރީމް ބުއި ވާހަކަ ކިޔައިދިނީ ފަހުރުވެރިކަމާއެކު އެވެ. ބީނިޝްގެ ކޮންމެ ލަފުޒެއް ޝައުގުވެރިކަމާއެކު އަޑުއެހީމެވެ. ވާހަކަ ދެއްކުމުގައި މި ދަރިފުޅު ގެންގުޅޭ ހަރަކާތްތައް ވަރަށް ހިތްގައިމެވެ. ލޯބިލޯބި މޫނާއި ދެ ލޮލާއި ތުންފަތަށް ގެންނަ ހަރަކާތްތައް، ބަލިކަށި އިންސާނެއްގެ ހިތުގެ ފަރުވާއަކަށްވެސް ފުދޭނެ އެވެ.
އުފާވެރި ދުވަހުގެ ޔައުމިއްޔާ ނިމުމުން، ބީނިޝް ގެނެސް އަހަރެންގެ އުނގުގައި ބައިންދާލީމެވެ.
ބީނިޝް ނޫނަސް، އަހަރެންވެސް މިއަދު ވަރަށް ބައިވަރު ވާހަކަ ދައްކާން އެބަހުއްޓެވެ. ލިބޭ ކޮންމެ އުފަލެއް ދަރިފުޅާއި ހިއްސާކުރުމަކީ މި ދެމެދުގެ ގުޅުން ބަދަހިވާނެ ކަމެއްކަން އަހަރެން ގަބޫލުކުރަމެވެ.
"އާރ ޔޫ އޯކޭ ކަޕްކޭކް؟" އަހަރެންގެ ސުވާލުގެ އަމާޒަކީ މިއަދުގެ އުފާވެރި ވަގުތުތަކެއް ނޫނެވެ. އިއްޔެގެ ހާދިސާ އެވެ.
"އައި ޓްރައި ބީ އޯކޭ!" ދުރުވިސްނޭ، ބޮޑުމީހަކު ފަދައިން ބީނިޝް ބުނެލި އެވެ.
މާ ޝާ ﷲއެވެ. މި ދަރިފުޅުގެ ލޯބިކަމާ އެވެ! ބަސްތަކާއި އަކުރުތަށް ކިޔޭތޯ ކުރާ މަސައްކަތް ވަރަށް ލޯތްބެވެ.
"ނޯ ސްވީޓް ގާރލް، ބައްޕަ މި އަހަނީ ދަރިފުޅަށް ކުރެވޭ އިހްސާސްތަކާއި ބެހޭގޮތުން... ކީކޭ ހިތަށް އަރަނީ؟ ދަރިފުޅު ސިކުނޑިއަށް އުނދަގޫ ކުރަނީ ކޮން ކަންތައްތަކެއް؟"
ބޮޑެތި ސުވާލުތަށް ކުޑަކުޑަ ދަރިއަކަށް އަމާޒުކުރުން ފަސޭހައެއް ނޫނެވެ.
ނަމަވެސް، ބީނިޝްގެ ކޮންމެ އިހްސާސެއް، ކޮންމެ ހިޔާލާތެއް އަދި ދަރިފުޅުގެ ނުތަނަވަސްކަމަކާއި އުނދަގޫ ކުރުވާ ކޮންމެ ހާދިސާއެއް އަހަރެންގެ ހިއްސާގައި ޝާމިލްކުރާނަމެވެ.
އެކަންކަން މި ދަރިފުޅަށް ތިލަކޮށްދޭނަމެވެ.
ދުނިޔެއާއި ކުރިމަތިލައި ކާމިޔާބު ކުރާންވެސް ދަސްކޮށްދޭނަމެވެ.
"ޔޫ ތިންކް އައި ސްވީޓް؟" އަހަރެންގެ ބޮޑު ސުވާލުންވެސް މި ހުނަރުވެރި ދަރިފުޅު ނަގައިގަތީ އެންމެ ލަފުޒެކެވެ. އޭނާއަށް އަހަރެން ކުރި ތައުރީފެވެ. ހިނި އައީ ގަސްތަކު ނޫނެވެ.
"ޔެސް ސްވީޓީ.. ތިއީ މުޅި ދުނިޔޭގެވެސް އެންމެ 'ސްވީޓް ބޭބީ ގަރލް" ކޮލުގައި ފިރުމާލާފައި އަހަރެން ބުނީމެވެ.
ލޮބުވެތި ހިނިތުންވުމެއްގެ އަޑުން މިއުޒިކީ އަރާމެއް އަހަރެންގެ ކަންފަތުގައި ބީހިލި އެވެ.
ދެމީހުން އެކުގައި އެ ހިނިތުންވުން ހިއްސާކުރީމެވެ.
"އުމްމްމމ.. އައެމް ސްކެއަރޑް" ހަމަ ކުއްލިޔަކަށް އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން، ދަރިފުޅު ބުނެލި އެވެ. އެ ހާދިސާއިން ބީނިޝްއަށް ބިރުވެރިކަން ގެނުވިކަން ޔަގީންވީ އެވެ. މި ވާހަކަ މިހެން ދައްކަން އަހަރެން ބޭނުންވި ހަގީގީ ސަބަބަކީވެސް މި އެވެ.
ބައްޕަގެ ހިތްވަރުގަދަ ދަރިފުޅު ބިރުގަތީ ކީއްވެތޯ ސުވާލު ކުރީމެވެ.
އެ ގޯސް ބޭބެ އައިސް މަންމައަށް އަދިވެސް އަނިޔާކުރާނެ ކަމަށް ބުނެލި އިރު، އަހަރެންގެ ދަރިފުޅުގެ މޫނުން އުފާވެރިކަން ގެއްލިއްޖެ އެވެ.
ކުޑަކުޑަ ހިތަށް ވެރިވެފައިވާ ބިރު އިހްސާސްވުމުން އަހަރެންގެ ލޭ ނާރު ތަކުގައި އުފެދުނީ ގަދަފަދަ ތޫފާނެކެވެ.
ނަމަވެސް މިއީ ކެތްތެރިވާންޖެހޭ ވަގުތުކަން އަހަރެންގެ ހިއްސުތަކަށް ހަނދާންކޮށްދިނީމެވެ.
ބައްޕަ ސުވާލުކޮށްފިނަމަ، ބައެއް ކަންކަން އޮޅުން ފިލުވައިދޭނަންތޯ ބީނިޝްއާއި ސުވާލުކުރީމެވެ. ވިސްނާލުމެއް ނެތި އެ ދިނީ އަހަރެން އަޑުއަހަން ބޭނުންވީ ޖަވާބެވެ.
"މި ގެއަށް ދަރިފުޅާއި މަންމަ ބަދަލުވުމުގެ ކުރިންވެސް، އެ ބޭބެ އައިސް މަންމައަށް އެހެން ހަދާތަ؟" އުނދަގޫ ސުވާލެކެވެ. އެހެންނަމަވެސް ބީނިޝް ފަރާތުން ނޫނީ މި ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެތީ އޮޅުން ފިލުވާން މަޖުބޫރުވީ އެވެ.
އާއެކޭ ބުނުމަށް ބޮލުން އިޝާރާތްކޮށް، ބީނިޝްގެ ހިމޭންކަން އިތުރުވުމަށް ނެގީ ސިކުންތުކޮޅެކެވެ.
އެ ބޭބެ އައިސް މަންމައަށް އަނިޔާކޮށްފައި އަޑުގަދަކޮށް އެއްޗެހި ކިޔާކަމަށް ބުނެދިނެވެ.
އެ ދުވަހު ހެނދުނުވެސް ކަންހިނގީ ހަމަ އެގޮތަށްތޯ އަހަރެން ސުވާލުކުރީމެވެ.
މިފަހަރުވެސް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.
މާޔޫސްކަމާއި ބިރު ނޫން އެހެން އެއްވެސް އެއްޗެއް އަހަރެންގެ ލޯބި ދަރިފުޅުގެ ދެ ލޮލުން މިވަގުތު ނުފެނެ އެވެ.
ބީނިޝްގެ މޫޑް މުޅިން ބަދަލުވެއްޖެ އެވެ.
އުފާވެރިކަމާއެކު ފަހަދުއާއެކު މުޅި ދުވަސް ހޭދަކޮށްފައި އައުމުން، މިފަދަ ބޮޑު ބުރައެއް މި މައުސޫމް ސިކުނޑިއަށް ހަވާލުކުރެވުނީތީ އަހަރެންގެ އަމިއްލަ ނަފުސަށް ލައުނަތް ދިނީމެވެ.
"ބައްޕާ" އަހަރެންގެ އުނގުން ތެދުވެ، އަހަރެންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި ދަރިފުޅު ގޮވައިލީ ވަރަށް ލޯބިންނެވެ.
"ޔެސް، ބޭބީ ގަރލް" ދަރިފުޅުގެ ލޮލަށް ބަލައިލާފައި މަޑުމަޑުން ބުނެލީމެވެ.
"ބީނިޝް، ބައްޕަގެ އުނގަށް ކޮޅަށް ނާރާނެ.. ބައްޕައަށް ތަދުވެދާނެ" ކުއްލިޔަކަށް ކޮޓަރިއަށް ވަން ކައިރާގެ އަޑަށް އެދިމާލަށް ބަލައިލެވުނެވެ.
"ނޫނޭ ޕްރިންސެސް، އެއްވެސް ކަމެއް ނޫން.. ޝީ އިޒްފައިން!" ދެ އަތުގެތެރޭގައި ދަރިފުޅު ބޮނޑިކޮށްލާފައި އަހަރެން ބުނީމެވެ. ބީނިޝްގެ ހިނިތުންވުމުގެ އަޑުން، އަހަރެންގެ ހާސްކަން ހަމަ ކުއްލިޔަކަށް ފަނޑުވެއްޖެ އެވެ.
"މަންމަ އިޒް ޕްރިންސެސް" އަތްތިލަބަޑި ޖަހާލާފައި ދަރިފުޅު ބުނެލީ އުފަލުންނެވެ.
"ދަރިފުޅުވެސް..، މަންމަވެސް..." ކޮލުގައި ބޮސްދެމުން އަހަރެން ބުނީމެވެ.
"ދަރިފުޅަކީ ބައްޕަގެ 'ލިޓްލް ޕްރިންސެސް، މަންމައަކީ ބައްޕަގެ ޕްރިންސެސް، އެކަމަކު އަހަރުމެން ދެމީހުންނަށް ނިންމިދާނެ މަންމައަކީ 'ކުއީން' ކަމަށް..! ޝީ އިޒް މައި ކުއީން!" ކައިރާގެ ސީދާ ލޮލަށް ނަޒަރު ހުއްޓާލާފައި އަހަރެން ބުނީމެވެ.
ގަދަ ފިޔާތޮށި ކުލައިން ކައިރާގެ މޫނު ބަބުޅާލުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. އެއީ ލަދުވެތިކަމުގެ ޖަޒްބާތުން އެ މޫނު ބަބުޅާލި ވަގުތެކެވެ. އަހަރެންގެ ސަބަބުން މިފަދަ ގޮތަކަށް ކައިރާ 'ބްލަޝް'ވެގެން ދިޔަ މަންޒަރު މި ނޫނީ ނުދެކެމެވެ.
ޔާ ﷲ އެވެ.
މިއަށްވުރެންވެސް އުފާވެރިކަމުގެ އަސަރުން ހިތަށް އަރާމު ގެނެސްދޭ ލައްޒަތުތަށް ދުނިޔޭގައި ވޭތޯ އެވެ؟
ހުރި ފިޔަވަޅުމަތީން، ހިރިލަމުން ލަސްލަހުން އަހަރެންނާއި ގާތަށް ޖެހިލުމުން، ކައިރާގެ އަތުގައި ހިފާފައި ގާތްކޮށްލީމެވެ.
"ބޭބީ، ވާހަކައެއް ދައްކާލަން ބޭނުން" ކައިރާގެ ލޮލަށް ބަލައިލާފައި މަޑުމަޑުން އަހަރެން ބުނީމެވެ.
ހަމަ އެ ހިނދުގައި، އަހަރެންގެ ހިނިގަނޑު ކޮންޓްރޯލްކުރާން މަޖުބޫރިވި އެވެ. ދުލުން ބޭރުވި ޖުމުލައަށް ބޯ ޖަހައިލީ ބީނިޝް އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;