މިކަން މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ އިން ވެސް މިއަދު މި އަންނަނީ ފެންނަމުން ނެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.30 ރުފިޔާ އަށް އުފުލިފަ އެވެ.
މި ކަމަށް އޮތް ހައްލެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެލައްވަނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހުމެވެ.
"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ދިވެހި ރުފިޔާ ނޫން ފައިސާއަކުން ރާއްޖޭގައި މާލީ މުއާމަލާތް ނުކުރެވޭނެ ގޮތަކަށް އިންތިޒާމް ކުރެވޭނަމަ ޑޮލަރު ހޯދަން އުޅޭ މީހުން ބޮޑުތަނުން މަދުވާނެ ކަމަށެވެ.
އަލީ ވިދާޅުވީ ޑޮލަރުގެ ޑިމާންޑް ކުޑަ ކުރުމަށްޓަކައި ބޭންކްތަކުން އެކަނި ޑޮލަރު ގަނެ ވިއްކުމުގެ ކަންތައްތައް ކުރިއަށްގެންދެވޭގޮތެއް ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ހަމަ އެކަނި ބޭންކްތަކުން ޑޮލަރު ގަނެ ވިއްކާ ނަމަ ކަޅު ބާޒާރު އުފެދުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
މިހާރުވެސް ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން އަންނަނީ އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން "ބްރިކްސް" (BRICS) ގެ ގައުމުތަކާއި އެހެނިހެން ބާރުގަދަ އިގުތިސާދުތަކުން އެ ގައުމުތަކުގެ އަމިއްލަ ފައިސާއިން ވިޔަފާރި ކުރުމުގެ އެއްބަސްވުންތައް އެކުލަވާލަމުންދެ އެވެ. ޗައިނާގެ ޔުއާން އަދި ރަޝިއާގެ ރޫބަލް ފަދަ ފައިސާތައް ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި ބޭނުންކުރަން ފެށުމަކީ ޑޮލަރަށް އޮތް ޑިމާންޑް ދަށްކުރުމަށް އެޅޭ އެދެވޭ ފިޔަވަޅެކެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ލޮޅުން އަރާ ހިނދު، ގައުމުތަކުގެ އިގުތިސާދު ހިމާޔަތްކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުމުގެ މަސައްކަތް ގިނަ ގައުމުތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް ބަލާ ނަމަ ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
މީގެއިތުރުން އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލާ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ހިމެނުމަށް ވެސް ބިލު ވަނީ އިސްލާހުކޮށްފަ އެވެ. މިހުންނަނީ ބޭރު ފައިސާ އިން - ޑޮލަރުން މިންޖުވާން ކުރެވިދާނެ ކުރިން ނުކޮށް ދޫކޮށްގެން ތިބި ކަންކަމެވެ.
ރާއްޖެ ފަދަ ގައުމުތަކަށް ބަލާއިރު، ޑޮލަރުގެ ތާށިކަމާއި އަގު އުފުލުމުގެ މައްސަލައިގައި ކަޅުބާޒާރުގެ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. މި ކަޅުބާޒާރުގައި ޑޮލަރު އަގުބޮޑުކޮށް ވިއްކުމުގައި މުއްސަނދިންނާއި ބޮޑެތި ވިޔަފާރިވެރިން (މަހުޖަނުން) ގެ ދައުރު އިންތިހާއަށް ބޮޑެވެ. ގައުމަށް ވަންނަ ޑޮލަރު ރަސްމީ ބޭންކިންް ނިޒާމުގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި، އަމިއްލަ ފައިދާއަށްޓަކައި ކަޅުބާޒާރުގައި އަގުބޮޑުކޮށް ވިއްކުމަކީ އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތައް ނިކަމެތިކޮށްލާ، ގައުމުގެ މުޅި މާލީ ނިޒާމު ހަލާކުގެ ތެރެއަށް ވައްޓާލާ ކަމެކެވެ.
މާލީ ދާއިރާގެ ފަންނުވެރިއަކު މި ރިޕޯޓަށް ވިދާޅުވީ "މަހުޖަނުން ގާނޫނު މުގުރުން" ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ވަރު ހިތްވަރު ސަރުކާރުތަކުގައި މިއަދު ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް ފެންނަނީ ސަރުކާރު ވައްޓާލަފާނެކަމުގެ ބިރުން ގައުމެއްގެ ވަރަށް އަސާސީ ސިފައެއް ހިފައްޓަން ނުކެރިގެން އުޅޭތަން ކަމަށެވެ.
ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް، ރާއްޖެއަށް އެތެރެކުރާ މުދަލަށް ފައިސާ ދެއްކުމުގައި ޑޮލަރުގެ ބަދަލުގައި އެ މުދާ އެތެރެކުރާ ގައުމެއްގެ ފައިސާ (އިންޑިއާ ރުޕީސް، ޗައިނާ ޔުއާން ފަދަ) ބޭނުންކުރެވޭނެ އިންތިޒާމުތައް ފުޅާކުރުމެވެ. ދެވަނަ ކަމަކަށް، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ގާނޫނުން ލާޒިމުކޮށް، އެކަން މިހާރަށްވުރެ ގަދަޔަށް ހާމަކަން ބޮޑުކޮށް ތަންފީޒުކުރުމެވެ.
ތިންވަނަ ކަމަކަށް، ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ފަދަ އާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އަދި ހަމައެއާއެކު، ގައުމުގައި އުފެއްދޭ ތަކެތި އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީވެސް ޑޮލަރު ބޭރުވާ މިންވަރު މަދުކުރެވޭނެ ކަމެކެވެ.
އެމެރިކާ ޑޮލަރުގެ އަޅުވެތިކަމުން މިންޖުވުމަކީ ގައުމީ އިގުތިސާދީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިކަމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ގާނޫނުތައް ތަންފީޒުކޮށް، ގައުމުގެ އެންމެހައި ފަރުދުންނާއި ވިޔަފާރިވެރިން އަދި ހާއްސަކޮށް ބޭންކުތަކުން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ނޫންނަމަ ހަށިގަނޑަށް ވުރެ ހިތް މުހިންމުވެ، ކޮންމެ ޑޮލަރެއްގެ ފަހަތުގައި "ފުލުހަކު" ހުންނަން ޖެހޭ ހާލަތެއް އުފަންވުން ދާދިގާތެވެ. މިހާލަތުގައި ގައުމުގައި ދުޅަހެޔޮ އިގުތިސާދަކަށް ޖާގަ ލިބޭނެތޯ އެވެ؟ ނޫނެކެވެ. މިފަދަ ހާލަތެއްގެ ނަތީޖާ އަކީ ދިވެހި ރުފިޔާގެ އަގު ދަށްވެ، މާލީ އަދި އިގްތިސާދީ ގިނަ މައްސަލަތަކަކާ ދިވެހިން ކުރިމަތިލާން ޖެހުމެވެ. މިހާރު މި ފެންނަނީ އެކަމުގެ ކޮޅުމައްޗެވެ.!!
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;