ކޮމިޝަނާ އެފަދައިން ވިދާޅުވީ ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތްތައް ހިސާބު ކުރުމުގައި އޮތް ލިމިޓް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ފުލުހުން ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ ލިބޭ އިނާޔަތްތައް ހަމަޖައްސައިދީ، ހިދުމަތުގައި 25 އަހަރު ހޭދަކޮށް ރިޓަޔާ ކުރާ ފުލުހުންނަށް ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްގޮތަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ އިތުރަށް އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސް އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަސީލަތްތައް އިތުރުކުރުމާއި، މީހުން ތަމްރީންކުރުން ފަދަ މަސައްކަތްތަކަށް އެ އިދާރާއިން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ފުލުހުންގެ މަސައްކަތްތައް ހިންގުންތެރިކަމާއި އެކު ކުރިއަށް ގެންދިއުމަށާއި، ފުލުހުންގެ ހިދުމަތް ރާއްޖެ އަށް ފުޅާކުރުމަށް މަސައްކަތްކުރުން މަތީ އެ އިދާރާ ދެމިއޮންނާނެކަމުގެ ޔަގީންކަން ކޮމިޝަނާ ވަނީ ދެއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;