ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސް ނިންމުމަށްފަހު، ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުނެވެ. އެ ކޮމިޓީން ވަނީ ބިލް އޮތްގޮތަށް ފާސްކުރުމަށް ނިންމާފަ އެވެ.
މި ބިލު ފާސްކުރަން މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން ސަރުކާރުން އެދުނު ގޮތަށް ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މީގެ ކުރިން 3.50ރ. ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ. އަށް ބޮޑުކުރީ މި ސަރުކާރުން ޑިސެމްބަރު 2024ގަ އެވެ. ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ އެކަން ހުއްޓުވުމަށްކަމަށް ބުނެއެވެ.
ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްވަރު ފަހުން ޑިއުޓީ ކުޑަކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މޭމަހުގެ 31 ގައެވެ. އެދުވަހު އެކަން އިއުލާންކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެދުމަށް ސިނގިރޭޓް ޑިއުޓީ ކުޑަކުރަން މަޝްވަރާކުރަމުން އަންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;