މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ތިން ދުވަހުގެ ތެރޭގައި "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް މި ބަދަލު ގެނައީ މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު އެވެ. އެބަދަލުގައިވާގޮތުން މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހެ އެވެ.
މީގެ އިތުރުން، ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެވާއިރު އިިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެއެއާލައިނުން ވަނީ އެދިފަ އެވެ.
ތައިލެންޑަކީ ދިވެހިން ޗުއްޓީ ހޭދަކުރުމަށާއި، ބޭސްފަރުވާއަށާއި، ވިޔަފާރީގެ ބޭނުންތަކަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އަދި ތައިލެންޑަކީ މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހި އާއިލާތައް ދިރިއުޅޭ ގައުމެއްވެސް މެއެވެ. މި ބަދަލާއެކު ތައިލެންޑަށް ދަތުރުކުރާ ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު ހުށަހެޅުމަށް ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފައި ވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީގައި ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރާ ދިވެހި އާއިލާތައް ގިނަވެ، ދަތުރުތަކަށް ޑިމާންޑު ބޮޑުވާތީ ގައުމީ އެއާލައިން މޯލްޑިިވިިއަން އިން މި ފަހަރު ވެސް ހާއްސަ ދަތުރުތަކެއް ކުރަން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ މި ޖުލައި 12 އިން ފެށިގެން އޮގަސްޓް ދެވަނަ ދުވަހާ ހަމައަށް ކޮންމެ އާދީއްތަ ދުވަހެއްގަ އެވެ. އެއީ ޖުަލައި 12، 19 ،26 އަދި އޮގަސްޓް ދެވަނަ ދުވަހު އެވެ.
ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭ އެ ދަތުރުތަކުގެ އަގު ކަނޑައަޅާނީ ޗުއްޓީ ދަތުރުތައް ކުރާ ދިވެހިންނަށް އަތްފޯރާ ގޮތަކަށް ކަމަށާއި އޭގެ އިތުރުން ސްޕެޝަލް ފެއާތައް ތައާރަފު ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;