ads
ކުރީގެ މިނިސްޓަރު އަދި ސަފީރު އަހުމަދު މުހައްމަދު
"ރައްޔިތުންގެ މަޖިލީހަކީ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދޭ މަރުކަޒަކަށް ވާންޖެހޭ"
ރައްޔިތުންގެ މަޖިލީހަކީ ގައުމު ބައިބައިވުމަށް މަގުފަހިވެދާނެ ފަދަ ތަނަކަށް ވުމުގެ ބަދަލުގައި، އެއީ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދޭ މަރުކަޒަކަށް ވާންޖެހޭ ކަމަށް ކުރިން މިނިސްޓަރު ކަމާއި ސަފީރުކަން ކުރައްވާފައި ހުންނެވި އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އަހުމަދު މުހައްމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން މުޅިން ވެސް އައްޑޫ ބަހުރުވައިން މަޖިލީހުގައި ވާހަކަދައްކަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އެ ބަހުރުވައިން ސުވާލު ކުރެއްވުމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން މިއަދު ޖަވާބު ދެއްވުމާއި ގުޅިގެން ނެވެ.

އަހުމަދު މުހައްމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ދެންމެ ވިދާޅުވީ ވަކިވަކި ސަރަޙައްދުތަކަށް ހާއްސަ ބަހުރުވަތަކަކީ އަޅުގަނޑުމެންގެ ސަގާފީ ތަރިކައިގެ މުހިންމު ބައެއްކަން ކަށަވަރު ކަމަށާއި ނަމަވެސް، މަޖިލީހުގެ އަސްލު މަގްސަދަކީ މުޅި ގައުމުގެ ހައްގުގައި ކަންކަމަށް ބަހުސްކޮށް، ކަންކަން ދިރާސާކޮށް، ޤާނޫނުތައް އެކަށައެޅުން ކަމަށެވެ.

"މި މަގްސަދު ހާސިލުކުރުމަށްޓަކައި، ކޮންމެ މެންބަރަކަށާއި، ވަޒީރަކަށް އަދި ކޮންމެ ރައްޔިތަކަށްމެ ފަސޭހައިން އޮޅުންފިލާނޭ ފަދަ، އާންމުކޮށް އެންމެންނަށް ފަހުމުވާ އާންމު ބަހަކުން މުއާމަލާތްކުރުން ކޮންމެހެން ބޭނުންވޭ" އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު ވިދާޅުވި އެވެ. 

މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުއްތަލިބާ ވެސް ސޯބެ ސުވާލުކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. އޭނާ ސުވާލު ކުރެއްވީ އައްޑޫގެ ބޯފެނުގެ ނިޒާމަށް މައްސަލަ ޖެހިފައިވާތީ އެކަމާ ގުޅޭ ގޮތުންނެެވެ. އޭނާގެ ކަންބޮޑުވުމަކީ ސާފު ބޯފެން ލިބުމުގައި ދަތިތައް އޮތުމެވެ. 

އެ ސުވާލު ކުރެއްވުމާ އެކު މިނިސްޓަރު ވިދާޅުވީ "އައްޑޫ ބަހުން ވާހަކަ ދެއްކެވީމާ އަޅުގަނޑު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ އެވެ؟" 

"ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ (ހީވަނީ މެމްބަރު ވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަން ޖެހޭ ކަމެއްހެން މި ކަމަކީ)،" އައްޑޫ ބަހުން ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވި އެވެ.

ސޯބެ މަޖިލީހުގައި މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން އޭނަ އަށް ބަހުރުވައިގެ މައްސަލަ "ބޮޑުވެ" ސަރަހައްދީ ބަހުރުވައިން މަޖިލީހުގައި ވާހަކަ ދެއްކިދާނެ ތޯ ވިދާޅުވެ އެކަމުގެ ބަހުސް ރައްޔިތުންގެ މެދުގައި މިހާރު ވަނީ ގަދަވެފައި އެވެ. 

އަައްޑޫ ބަހުރުވައިން ސޯބެ މަޖިލީހުގައި ކުރިއަށް ވަޑައިގަންނަވާ އިރު، އޭނަ ވިދާޅުވެފައި ވަނީ މާލެ ބަހުރުވަ ދަސްކުރައްވަމުން ގެންދަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;