މަސްވެރިކަމުގެ ސިނާއަތް ރަގަޅު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއެކު ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށާއި، އެގޮތުން މަސް ގަންނަން މިފްކޯއަށް ސަބްސިޑީ ދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މީގެ ކުރިން ދިޔައީ ސަބްސިޑީ ދެމުންދިޔަ ކަމަށެވެ.
"25 ރުފިޔާއަށް މަސް ގަންނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެގެން އެ އެރޭންޖްމަންޓް ގެނައިއިރުގައި އެ އަގު ހަމަޖެއްސިއިރުގައި ސަރުކާރުން ސަބްސިޑީގެ ގޮތުގައި 13 ރުފިޔާ ކިލޯއަކަށް ލާންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަނެގެން ތިބީ ކަމަށާއި ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ ސަރުކާރުން ދޭ ސަބްސިޑީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް މިފްކޯ ހަދައިފަ އެވެ.
"އަޅުގަނޑުމެން އެންމެން އެބަ ޤަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ. އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން."ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތުން ޕްރައިވެޓް ކުންފުނިތައް ތިބީ ބޭރުވާ ހިސާބަށް ގޮސްފައި ކަމަށެވެ. ނަމަވެސް، މިއަދު ވިޔަފާރީގެ ހެޔޮ މާހައުލެއް އުފެދިއްޖެ ކަމަށާއި މިހާރު ޕްރައިވެޓް ކުންފުނިތަކާ ވެސް އެކު މުޅި ސިނާއަތު ދަނީ ކުރިއަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.