މި ބިލް އެންމެ ފުރަތަމަ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިލު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ ފޮނުވާލެއްވި އެވެ.
އޭގެ އެންމެ ބޮޑު ސަބަބަކަށް އޮތީ ގައިދީންނަށް ވެސް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލު އޮތެވެ.
އެކަމާ މެދު އަލުން މަޝްވަރާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވަނީ އިތުރުކޮށްފަ އެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކަށް އެއްވެސް ބަދަލެއް ނުގެނެސް މިއަދުގެ ޖަލްސާގައި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓާ އެކު އެވެ.
މި ބިލަކީ ރާއްޖޭގައި ރައްކާތެރިކަމާއެކު އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ. މި ބިލުގެ ދަށުން ހުއްދަ ދެވެނީ ހަމައެކަނި ދިވެހި ބާލިޣުވެފައިވާ މީހުން އަމިއްލަ އިހުތިޔާރުގައި ހަދިޔާކުރާ ގުނަވަންތައް ބޭނުންކުރުމަށެވެ.
މީގެ އިތުރުން، ގުނަވަން ވިއްކުމާއި ގަތުމަކީ އަދި ރުހުމަކާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ލައިސަންސް ނެތި ހިދުމަތް ދިނުމާއި އޮޅުވާލައިގެން މައުލޫމާތު ދޭ ފަރާތްތަކަށް ހަރުކަށި އަދަބު(ޖަލު އަދަބު) ދިނުމަށް ވެސް މި ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާތާ 180 ދުވަސް ފަހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;