ޔޫތު އޮންޓްރަޕްރަނަސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ގައުމީ ބޭންކަކީ ރާއްޖޭގެ އިގުތިސާދާ ގުޅިލާމެހިފައިވާ ބޭންކެއް ކަމަށެވެ. އެހެންވެ އެ ބޭންކާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކުން ބޭންކަށާއި، ރާއްޖޭގެ އިޤްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިދާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، 2021 ގައި ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކާ އަދަދަކީ 21 މިލިއަން ކަމަށެވެ.
ބޭންކުން މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަހު އެކަނިވެސް އަށް ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ހިސާބުތަކާ ހަވާލާދެއްވައި ސީއީއޯ ޝަރީފް ވިދާޅުވި އެވެ. މި ކަންކަމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން މިފަހުން ވަނީ ހާމަވެފަ އެވެ.
ބީއެމްއެލް އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ކަމަށް ވާއިރު ރުފިޔާ ކާޑުތަކުގެ 65 ޕަސެންޓަކީ އޮންލައިން ވިޔަފާރިތައް ހިމެނޭ އީކޮމާސް މުއާމަލާތްތަކެވެ.
ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ހިދުމަތް މިހާރުވަނީ ފަށާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;