ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (ބީއެފްއައިޔޫ)ގެ އަހަރީ ރިޕޯޓް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެފްއައިޔޫގެ ވެރިޔާ އިހުތިޔާރުއްދީން މުހައްމަދު މައުމޫން ވިދާޅުވީ ކޯޓު އަމުރުތަކުގެ ސަބަބުން ބަންގްލަދޭޝްގެ އެތެރޭގައި ހުރި 570 ބިލިއަން ޓާކާގެ ތަކެއްޗާއި ގައުމުން ބޭރުގައި އިތުރު 190 ބިލިއަން ޓާކާގެ ތަކެތި ހިފެހެއްޓިފައިވާ ކަމަށެވެ.
ވެރިކަން ވެއްޓުނު ފަހުން، ހަސީނާގެ ޣައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ބަލައި، ކޮރަޕްޝަނުގެ މައްސަލަތަކެއްގަ އާއި ވެރިރަށް ޑާކާގެ އަގުބޮޑު ސަރަހައްދަކުން ބިންތަކެއް ބެހި މައްސަލައިގައި ހަސީނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ކޯޓުން ވަނީ ހަސީނާ މަރަން ވެސް ހުކުމް ކޮށްފަ އެވެ.
މިދިޔަ 2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން މަގާމުން ދުރުކުރުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ހަސީނާ މިފަހުން ވިދާޅުވީ މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައްދުގައި ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، އޭނާ އަނބުރާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވީ، މަރަށް ބިރުނުގަންނަ ކަމަށާއި، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނާ ހިލާފު، ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް އެ ގައުމުގެ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ބަންދުކުރުމާއި ސިޔާސީ ވާދަވެރިން އެކި ގޮތްގޮތުން މެރުން ހިމެނެ އެވެ.
އދ ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެ އަހަރު ކުރި މުޒާހަރާތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާއިރު، ގިނައީ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުން މަރުވި މީހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;