ads
ނިއު ޔޯކްގެ މޭޔަރު ޒޮހްރަން މަމްދާނީ (ކ) އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ - ފޮޓޯ: ޓައިމްސް
ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތަކާ މެދު މަމްދާނީ ވިސްނަނީ!
އދ. ގެ ސަމިޓަކަށް ނިއު ޔޯކަށް ދަތުރުކޮށްފި ނަމަ، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމާ މެދު ވިސްނަމުންދާ ކަމަށް ނިއު ޔޯކްގެ މޭޔަރު ޒޮހްރަން މަމްދާނީ ވިދާޅުވެއްޖެ އެވެ.
Advertisement

ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ ހުންނަންޖެހޭނީ ހޭގްގައި ކަމަށެވެ. އަދި އޭނާއަކީ ގާޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ ހުންނަވަން ޖެހޭނީ ދަ ހޭގް (ބައިނަލްއަގުވާމީ ކޯޓު) ގައި، އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. އަދި މިއީ ފާއިތުވި އަހަރުތަކުގައި އޭނާ ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތް." މަމްދާނީ ވިދާޅުވި އެވެ.

މޭޔަރުކަމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު މަމްދާނީއަށް ވަނީ އިސްލާމޯފޯބިއާގެ ހަމަލާތަކާއި ފުރައްސާރަތައް އަމާޒުވެފަ އެވެ. އެހެންނަމަވެސް، އޭނާ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތުމާއި، ނަތަންޔާހޫ ޒިންމާދާރުކުރުވުމަށް ގޮވާލައްވާ ގޮވާލުންތަކުން، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވެގެންދާ ކަމަށް އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

މަމްދާނީގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، މަމްދާނީއަކީ ސިއްރިއްޔާތުގައި އެމެރިކާއަށް ނަފްރަތުކުރާ މީހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އދ.އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ، ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރުތަކެއް ހުރި ނަމަވެސް، ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

ދުނިޔޭގެ ގައުމުތަކުގެ ވެރިން ބައިވެރިވާ އދ. ގެ އާއްމު މަޖިލިސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަ އެވެ. 

ނިއު ޔޯކަކީ އިޒްރޭލުން ބޭރުގައި ޔަހޫދީންގެ އާބާދީ އެންމެ ބޮޑު ތަނަށް ވާއިރު އެއީ ނަތަންޔާހޫ އާންމުކޮށް ބައިވެރިވާ އދ.ގެ އާންމު މަޖިލިސް ވެސް ބާއްވާ ސިޓީ އެވެ.

އެމެރިކާ އާއި އދ. އާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގެ ދަށުން، އދ.ގެ ބޭނުންތަކަށް ނިއު ޔޯކަށް ދިއުމަށް ބޭނުންވާ ވިސާ އެމެރިކާއިން ކޮންމެ މީހަކަށް ވެސް ދޭން ޖެހެ އެވެ.

މަމްދާނީ ނަތަންޔާހޫ ހައްޔަރު ކުރުމާ މެދު ވިސްނަވާ ކަމަށް ވިދާޅުވިއިރު، އެމެރިކާގައި އިމިގްރޭޝަންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ފެޑެރަލް ސަރުކާރުން ކަމަށް ވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އައިސީސީގެ އަމުރަށް ފާޑު ވިދާޅުވެ އިޒްރޭލާއި އިޒްރޭލުގެ ވެރިންގެ ދިފާއުގައި ތަކުރާރުކޮށް ވާހަކަ ދައްކައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;