އުމުރުން 28 އަހަރުގެ ކެންޑަލް މިކަން ހާމަކޮށްފައިވަނީ ދާދި ފަހުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް ދެއްކި ވާހަކަތަކެއްގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިރިހެނުންނާ އެކު ގުޅުންތައް ބަދަހިކުރަން އުޅުމުގެ ތެރޭގައި ލިބެނީ ހުސް މާޔޫސްކަމެވެ.
ކެންޑަލް ބުނީ އޭނާއާ ދިމާވާ ގިނަ ފިރިހެނުންނަކީ އެއްވެސް ވަރަކަށް އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކުރުމާއި، ގުޅުމަކަށް ދޭންޖެހޭ ސީރިއަސްކަން ނުދިނުމަކީ މިހާރު ފިރިހެނުންގެ ފަރާތުން އާންމުކޮށް ފެންނަ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ލޯބީގެ ގުޅުމެއް ފެށުމަށް މިހާރު ފަސްޖެހެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް މަޝްހޫރު އެތައް ފަންނާނުންނާއި އެތުލީޓުންނާ ލޯބީގެ ގޮތުން ގުޅިފައިވާ ކެންޑަލް ބުނީ، ކިތަންމެ ރަނގަޅަށް ކަންކަން ގެންދަން އުޅުނު ނަމަވެސް އެކަށީގެންވާ ވަރަށް އަޅާލުމާއި އިހުތިރާމް ނުލިބޭ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ނިމިގެންދަނީ ހިތާމަވެރި ގޮތަކަށް ކަމަށްވާތީ، މިހާރު ފިރިހެނުންނާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އޭނާ ބުންޏެވެ.
ކެންޑަލްގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން ގިނަ އަންހެނުން ވަނީ ކެންޑަލް ފާޅުކުރި ޝުއޫރުތަކަށް ތާއީދުކޮށް، މިއީ މިހާރުގެ ޒުވާނުންނަށް ދިމާވާ އާންމު މައްސަލައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.