ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ހަބަރު އަޑުއެއްސެވީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން މި ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:30 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، މި ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިންއިރު، އަލިފާން ބުރައިގެން އެކި ތަންތަން ފިހިގެން ވެސް އަށް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ބާކީ 10 މީހުންނަކީ ޕެނިކް އެޓޭކާއި ކުދިކުދި އެހެނިހެން އަނިޔާތައް ލިބިގެން ގެންދިޔަ މީހުން ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ. މިހާރު އެންމެން ވެސް ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފަ އެވެ.