މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭ ޖޫހޫ ސަރަހައްދުގައި ފުޓުބޯޅަ މެޗެއް ކުޅުމަށްފަހު އޭނާ އެނބުރި ގެއަށް ދަނިކޮށެވެ. ބަޑީގެ ހަމަލާ އަމާޒުވި ނަމަވެސް ޓައިގާގެ ފުރާނަ ސަލާމަތްވީ ހަނި ގޮތަކަށެވެ.
ފުލުހުންގެ ތަހުގީގު ޓީމަށް ދިން ބަޔާނުގައި ޓައިގާ ބުނީ އޭނާއަށް އަދިވެސް ހުރެވުނީ ބޮޑު ސިހުމެއްގެ ތެރޭގައި ކަމަށެވެ. އަދި އޭނާއަކީ އެއްވެސް މީހަކާ ޒާތީ ދުޝްމަންކަމެއް އޮތް މީހެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ހަމަލާއެއް އޭނާއަށް އަމާޒުވާންޖެހުނު އެއްވެސް ސަބަބެއް ވިސްނައިގަންނަން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. މި ހާދިސާގައި ޓައިގާގެ ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ ވަޒަން އަރައި ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޓައިގާގެ ކާރަށް ހަމަލާދިނީ ސައިކަލެއްގައި އައި ބަޔަކު ބަޑީގެ ފަސް ވަރަކަށް ހަމަލާ ފޮނުވާލައިގެންނެވެ. ހަމަލާ ދިން މީހުން ވަގުތުން ފިލަން މަސައްކަތްކުރި ނަމަވެސް، ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާއިރު، ބައެއް ގޭންގުތަކާ މި ހަމަލާއާ ގުޅުން ހުރި ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.
ތަހުގީގަށް މައުލޫމާތު ދެމުން ޓައިގާ ބުނީ "މި ހާދިސާއާ ގުޅިގެން އަހަރެން އަދިވެސް މިހުރީ ވަރަށް ބޮޑަށް ހައިރާންވެ ސިހިފައި. އަހަރެންގެ ފުރާނަ ދުއްވާލަން އެ ވަރުގެ ހަމަލާއެއް ދޭން ބޭނުންވާނީ ކާކު، އަދި ކީއްވެގެން؟ އަހަރެންގެ އެއްވެސް މީހަކާ ދުޝްމަންކަމެއް ނޯންނާނެ. ވީއިރު އަހަންނަށް ހަމަލާ މި ދިނީ ކީއްވެ؟" މިހެންނެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ޓައިގާ ވަނީ މުމްބާއީގެ ހާރު ވެސްޓުގައި ހުންނަ އޭނާގެ އަގުބޮޑު އެޕާޓްމަންޓް 9 ކްރޯޑް ރުޕީސްއަށް ވިއްކާލައިފަ އެވެ. ހަމަލާ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޕާޓްމަންޓް ވިއްކާލުމުން، އޭނާ ދިރިއުޅޭ ތަން އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.