ads
ފިނޭންސް މިނިސްޓްރީ
އެސްއޯއީތަކަށް ހާއްސަ ސްޓްރެޓެޖިސްޓެއް ހޯދަން އިއުލާނުކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަ ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، ސްޓޭޓް ޝެއާ ހޯލްޑިންގް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އޮނިގަނޑު ތެރޭގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް "ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓަޖިސްޓް" ގެ މަގާމަށް ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ބޭނުންވާ ކަމަށެވެ.

އަދި މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު އައިޑީ ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަޒީފާ އަދާ ކުރިކަމުގެ ލިޔުންތައް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

  • މަހު މުސާރަ 46،000 ރުފިޔާ (ބޭސިކް ސެލަރީގެ ގޮތުގައި 23،825 ރުފިޔާއާއި، އެލަވަންސްގެ ގޮތުގައި 15،690 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 370 ރުފިޔާ)

މިމަގާމަށް ކުރިމަތިލާ މީހުން ގުޅޭ ދާއިރާއަކުން ޕީއެޗްޑީ ހާސިލްކޮށްފައިވާން ޖެހޭނެ އެވެ. އަދި ލީޑަޝިޕް މަގާމެއްގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.  

އެ މަގާމުގައި ހުންނަ ފަރާތުން އެސްއޯއީތަކުގެ ހާލަތު މޮނިޓާކުރުމާއި، ގެންނަންޖެހޭ ރިފޯމްތައް ގެނެސް، މާލީ ދެމެހެއްޓެނިވިކަން އިތުރު ކުރުމާއި ގަވަނެންސް ހަރުދަނާ ކުރުމުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން މިދިޔަ އޭޕްރީލް މަހު ވެސް ސާކިއުލާއަކުން އެންގި އެވެ. އެ ސާކިއުލާއާ ހަވާލާދީ ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފަ އެވެ. 

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން ބުނިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ. 

'އެދޭ ރާއްޖޭ'ގެ ހުށަހެޅުން

ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ' ހަރަކާތުން ހުށަހަޅަމެވެ.

  1. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބަސްވާ (ނޮމިނޭޓް) މީހުން ޕީސީބީ އަށް އައްޔަންކުރުމާއި، ދައުލަތުގެ ކުންފުނިތައް އުފެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެންކަމަށް ކަނޑައެޅުން.
  2. ޕީސީބީ އަދި މަޖިލީހުން، ކުންފުނި ތަކުގެ ހިންގުމުގެ މިންގަނޑުތަކާ ލަނޑުދަނޑިތައް އާންމުކޮށް، އެލަނޑުދަނޑިތަކަށް ވާސިލްވަނީ ކިހާ ވަރަކަށްކަން ހާމަކުރުން.
  3. ކުންފުނި ތަކަށް މީހުން އައްޔަނު ކުރުމުގައި މެރިޓް-ބޭސްޑް ސިސްޓަމެއް ތައާރަފްކޮށް ތަންފީޒުކުރުން.
  4. ދައުލަތުގެ ކުންފުނި ތަކަކީ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ ބަޔަކަށް ނުވުން. އަދި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްދޭންވާނީ އަސާސީ ހިދުމަތާއި ވަސީލަތްތައް. އަދި ދައުލަތުގެ ކުންފުނިތަކުގެ ދައުރަށް ވާންވާނީ އަމިއްލަ ވިޔަފާރިތަކަށް ނުކުރެވޭ، ނުވަތަ ކުރަން ދަތި ކަންކަމަށް ވުމާއެކު، އައު ސިނާއަތު އުފައްދަން މަގުފަހި ކުރުން.

މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.  

ޕީސީބީން އެ ސާކިއުލާ ނެރުނުއިރު، ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;