މުހައްމަދު ހާޝިމް ދިވެހި ދައުލަތަށް ހިދުމަތް ކުރަން ފެއްޓެވީ 1980 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ ކޯޓު ނަންބަރު 2 ގެ ކާތިބުކަމެވެ. އޭގެ ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި، ދައުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފިއެވެ.
މީގެ ތެރެއިން 43 އަހަރަށްވުރެ ގިނަ ދުވަސް އޭނާ ހޭދަކުރެއްވީ ސީދާ ޝަރުއީ ދާއިރާގައެވެ.
މި ދިގު އަދި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދައުލަތުން ވަނީ އޭނާއަށް ވަރަށް ހާއްސަ ޝަރަފެއް އަރުވާފަ އެވެ.
2026 ވަނަ އަހަރުގެ ޖުލައި 26 ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، އޭނާއަށް ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ ޝަރަފުވެރި އިނާމު ލިބިވަޑައިގެންފައެވެ. މިއީ މުޅި އައްޑޫ އަދި ހާއްސަކޮށް ޝަރުއީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.
މުހައްމަދު ހާޝިމްގެ އިސް މެޖިސްޓްރޭޓް ކަމުގެ ދަށުން، އައްޑޫގެ ކޯޓުތަކަށް ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ހާއްސަކޮށް އިންސާފު ގާއިމުކުރުމުގެ މަސައްކަތަށާއި އިދާރީ ހިންގުމަށް ގެންނެވި ބަދަލުތަކަކީ ގިނަ ބަޔަކު ފާހަގަކުރާ ކަންކަމެވެ.
މުޅި ސަރަހައްދުގެ އަދާލަތުގެ ނިޒާމު ހަރުދަނާކުރައްވައި، އޭނާ ދައްކަވާފައިވަނީ ވަރަށް ފުރިހަމަ ލީޑާޝިޕެކެވެ. ރައްޔިތުންނަށް އެންމެ ބޮޑު ލުޔެއް ލިބިގެންދިޔަ އެއް ކަމަކީ މައްސަލަތައް ނިންމުން އަވަސްވުމެވެ.
މަސައްކަތްތައް ތަރުތީބުކޮށް ޝަރީއަތްތައް އަވަސްކުރުމަށް ކުރެވުނު މަސައްކަތުން، މައްސަލަތައް ނިންމާ ރޭޓު އަހަރަކަށްވުރެ އަހަރެއް ވަނީ އަވަސްކުރެވިފައެވެ. ކުރިން ނުނިމި ހުރި މައްސަލަތަކުގެ ބޮޑުބައި މިހާރު ވަނީ ނިންމާފައެވެ.
މުހައްމަދު ހާޝިމު
މީގެ އިތުރުން، މިހާރު ކޮންމެ އަހަރަކު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަރަށް ބޮޑު ޕަސަންޓެއް، ހުރިހާ މެޖިސްޓްރޭޓުންގެ މަސައްކަތާއެކު އެ އަހަރެއްގެ ތެރޭގައި ނިންމައެވެ.
މިއީ އަވަހަށް އިންސާފު ފޯރުކޮށްދިނުމުގައި ހޯދާފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ކޯޓުތަކާމެދު އާންމުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އިދާރީ ގޮތުން ކޯޓު ހިންގުމަށް ވެސް ހާޝިމް ވަނީ ބޮޑެތި އިސްލާހުތަކެއް ގެންނަވާފައެވެ.
ކޯޓުގެ އިދާރީ ހިންގުމުގެ އިސްވެރިއެއް ނެތި ދިގު މުއްދަތެއް ހޭދަވުމަށްފަހު، 2022 ވަނަ އަހަރު އެޑްމިނިސްޓްރޭޓަރެއް ހަމަޖެހިގެންދިއުމާއެކު، އިދާރީ ހިންގުމުގެ ދުވެލި ވަނީ ވަރަށް ބޮޑަށް އަވަސްވެ އަދި ތަރުތީބުވެފައެވެ.
މިއާއެކު ކޯޓުގެ އެތެރޭގެ އިންތިޒާމުތައް ވަނީ ހަރުދަނާވެފަ އެވެ. މާލީ ނިޒާމާއި އޯޑިޓް ފުރިހަމަކުރުމަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
2019 ވަނަ އަހަރުން ފެށިގެން އޯޑިޓްކުރުމަށް އައިސްފައިވާ މެދުކެނޑުމަކަށްފަހު، 2023 ވަނަ އަހަރުން ފެށިގެން ކޯޓުގެ އެކްސްޓާނަލް އޯޑިޓާއި އިންޓާނަލް އޯޑިޓްތައް ވަނީ ފުރިހަމައަށް ކުރަން ފަށާފައެވެ.
މިއީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ހޯދުމުގެ ޕްރޮކިއުމަންޓް ނިޒާމު ވަނީ މުރާޖައާކޮށް، ވަރަށް ބޮޑަށް ހަރުދަނާކުރެވިފައެވެ.
ހަމައެއާއެކު، އާންމު ރައްޔިތުންނާއި ކޯޓާ ދެމެދު އޮންނަ މުއާމަލާތްތައް ރަނގަޅުކޮށް، މުއާސަލާތުކުރުމާއި މުހާތަބުކުރުމުގެ ބައި ވަނީ ކުރިއަށްވުރެ ގާތް އަދި ފަސޭހަ އާ ނިޒާމަކަށް ބަދަލުކުރެވިފަ އެވެ.
މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.
ހަގީގަތުގައި ވެސް މުހައްމަދު ހާޝިމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި އިހުލާސްތެރިކަމާއެކު ނަމޫނާ ދައްކަވަމުންދާ ހިދުމަތްތެރިއެކެވެ.
ކޯޓު ނަންބަރު 2 ގެ ކާތިބަކުން ފެށި ދަތުރުގައި މިއަދު އޭނާ އެ ވަނީ އިދާރީ ހިންގުމާއި އިންސާފު ގާއިމުކުރުމުގެ މައިދާނުގައި ނަތީޖާ ނެރެދެއްވާފައެވެ. އައްޑޫ ރައްޔިތުންގެ ފުރިހަމަ އިހުތިރާމާއި ގަދަރު އޭނާއަށް ލިބިފައިވަނީ މި މަތިވެރި ހިދުމަތްތަކުގެ ސަބަބުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;