ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް މިރޭ ދަންވަރު ފެށުމަށް ހަމަޖެހިފައިވާތީ، ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދު ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގަނދަކޯޅި ހިނގުމުން ފެށިގެން ކަނބާއައިސާރަނި ހިނގުން ނިމޭ ހިސާބަށް ބަންދުވާނެ އެވެ. އަދި އައްސޭރި ހިނގުން ވެސް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް ޕާކުކުރުން މަނާކޮށްފައިވާއިރު، ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް އޮތް ނަމަވެސް އެ ހިސާބު ވަނީ އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފަ އެވެ. ފުލުހުން ވަނީ މަގު ބޭނުންކުރާއިރު ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މީގެ ކުރިން ކާނިވާ ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހިސާބަށް މަގު ފުޅާކޮށް ތާރު އަޅައިގެން ހަދާފައިވާއިރު، އެ ބަދަލުތަކާ އެކު ޓްރެފިކަށް ބޮޑު ލުޔެއް ވަނީ ލިބިފަ އެވެ. މި މަޝްރޫއުގައި ދެން ނުނިމި އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން އައިޖީއެމްއެޗާ ހިސާބަށް އޮތް ބައެވެ. މިހާރު ވެސް މަގު ބަންދުކޮށްގެން މަސައްކަތް ކުރަމުން އަންނަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށެވެ.