ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވި ރިޝްމާ އާދަމް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އޭނާއާ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒް އަހުމަދު އެވެ.
މިއަދުގެ އިންތިހާބުގައި ރިޝްމާއަށް ލިބިވަޑައިގަތީ 278 ވޯޓުންނެވެ. ޒައިނާޒް އަހުމަދަށް ލިބުނީ 221 ވޯޓެވެ.
އިންތިހާބުގެ ނަތީޖާއަށް ފަހު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޝްމާއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޝްމާ މަސައްކަތް ކުރީ އެމްޑީޕީއާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.
ވަށަފަރަކީ ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަށެވެ.