އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު ސެކިއުރިޓީ އިންޒާރުގައިވާ ގޮތުން، ކޮމްޕިއުޓަރުތަކުގައި ވަޓްސްއެޕް ވެބް ސެޝަންތައް ލޮގިންވެފައި ހުންނަ އިރު އެއަށް ސަމާލުކަން ނުދެވި ދޫކޮށްލުމަކީ ސައިބަރ ނުރައްކާތަކަށް މަގުފަހިވާ ކަމެކެވެ. މިގޮތަށް ދޫކޮށްލެވޭ ސެޝަންތަކުގެ ސަބަބުން، ވަޓްސްއެޕް އެކައުންޓް ހައިޖެކް ކުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މިފަދަ އިހުމާލުތަކުގެ ނަތީޖާއެއްގެ ގޮތުން ކޯޕަރޭޓް ފްރޯޑް ނުވަތަ ކުންފުނިތަކާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބޮޑެތި މަކަރާއި ހީލަތް ހިންގުމުގެ ފުރުޞަތު ނުބައި ނިޔަތުގައި އުޅޭ ފަރާތްތަކަށް ލިބިގެންދާ ކަމަށް ސެކިއުރިޓީ އެޑްވައިޒަރީގައި ވަނީ ހާމަކޮށްފައެވެ. އެކައުންޓް ހައިޖެކްކޮށްގެން އަމިއްލަ މައުލޫމާތާއި ވިޔަފާރިތަކުގެ ސިއްރު މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު އޮތުމުން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެހެންކަމުން، ކޮމްޕިއުޓަރުތަކުން ވަޓްސްއެޕް ވެބް ބޭނުންކޮށް ނިމުމާއެކު، އެކްޓިވްކޮށް ހުންނަ ސެޝަންތަކުން ވަގުތުން ލޮގްއައުޓްވުމަށް ހޯމް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. މި ފިޔަވަޅަކީ އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސައިބަރ ކުށްވެރިންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެންމެހައި ބޭނުންކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އެ ފަރާތުން ފާހަގަކުރެއެވެ.