ތަކެތީގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާ ފުލުހުން ހުއްޓުވީ މަޖީދީ މަގު ސޯޝަލް ސެންޓަރާ ހިސާބުންނެވެ.
މުޒާހަރާގައި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި އާންމު މެންބަރުން ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިިން ގޮވާލަމުންދަނީ، އެމްޑީޕީއަކީ އަބަދުވެސް ސުލަހަވެރިކަމާ އެކު އިހުތިޖާޖުކުރާ ބައެއް ކަމަށާއި މިރޭގެ އިހުތިޖާޖަކީ ވެސް ސުލުހަވެރި އިހުތިޖާޖެއް ކަމަށެވެ. އެހެންކަމުން، މަޖީދީމަގުން ކުރިއަށްދާން ޖާގަދިނުމަށް ދަނީ ގޮވާލަމުންނެވެ.
ބެރިކޭޑުތައް ފަޅާލައި ކުރިއަށްދާން މަސައްކަތް ކުރުމުން އެސްއޯ ފުލުހުން ޝީލްޑުތަކާ އެކު މުޅި މަގު ބަންދުކޮށްގެން މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އިހުސާން ވިދާޅުވީ އެމްޑީޕީން މަޖީދީ މަގުން މުޒާހަރާ ކުރަން ހުށަހަޅާފައިވާ ގަޑިއަކީ ބާރުބޮޑު ގަޑިއަކަށްވާތީ އެ ގަޑީގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
މިއީ ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި ޖުމްލަކޮށް އާއިލާތަކަށް ކުރިމަތިވަމުން އަންނަ ދަތިތަކާއި ގުޅޭގޮތުން އަޑުއުފުލުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;