މި ބިލު ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ.
މި ބިލު މަޖިލިހަށް ބަލައިގަތުމަށް ފެންނަ ކަމަށް ނެގި ވޯޓުން ބިލް މަޖިލިހަށް ބަލައިގަތީ 70 މެމްބަރުން ތާއީދާއެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންވެސް ހިމެނެ އެވެ. ބިލް ބަލައިގަންނަން ނުފެންނަކަމަށް ވޯޓް ދެއްވި ހަމައެކަނި މެމްބަރަކީ ކެޔޮދޫ ދާއިރާގެ މެމްބަރު، މުހައްމަދު ނިއުޝާދު އެވެ.
މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެންސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރަން ފެށުން ކަމަށެވެ.
ބިލުގައިވާ ގޮތުން މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައި ދިނުމުގައި މުދާ ޓްރާންސްޕޯޓް ކުރުން ހިމެނޭ ނަމަ އެ މުދާ ޓްރާންސްޕޯޓް ކުރަން ފަށާ ޤައުމަކީ ރާއްޖެ ކަމުގައިވާ ނަމަ ނުވަތަ މުދާ ފޯރުވައިދޭ ފަރާތުން އެ މުދާ ރާއްޖޭގައި ލިބޭނެ ގޮތް ހަމަޖައްސާފައިވާ ނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ މުދާ ކަމުގައި ބެލޭނެއެވެ. އަދި އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީ ފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތުގެ ގޮތުގައި ބެލޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނެތސް ހިދުމަތް ފޯރުވައި ދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ހިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ހިދުމަތެއް ނަމަ އެއީ ރާއްޖޭގައި ފޯރުވައި ދިން ހިދުމަތެއްގެ ގޮތުގައި ބަލާނެ އެވެ. މީގެ ތެރޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައި ދިނުން ނުވަތަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އެޖެންސީ ހިދުމަތެއް ނުވަތަ ބުކިން ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލަމުގައިވާ ގޮތިން ޖީއެސްޓީ ނެގުން ލާޒިމުވާ ކަންކަމުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައި ދިނުން ހިމަނާފައިވެ އެވެ. އަދި އެފަދަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކުން ޖީއެސްޓީ ނަގާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި ކެއުމާއި ދަތުރުފަތުރުފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.
މި އިސްލާހާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް މީރާ އިން ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން އަދި މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;