އެ މިނިސްޓްރީގެގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ހިޔާވަހި ފައިނޭންސް ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން 891 މީހަކު ޝަރުތު ފުރިހަމަވުމާއެކު އެމީހުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ލޯނު ދިނުމަށް ހަމަޖެހުނު 891 މީހުންގެ ތެރެއިން 244 މީހަކަށް ފައިސާ ދޫކުރެވިފައިވާކަމަށް ނާޒިމު ވިދާޅުވި އެވެ. އަދި ބާކީ ތިބި 629 މީހުންނަށް ފައިސާ ހަަމޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
3 ބަޔަކަށް ފައިސާ ދޫކުރާއިރު އޭގެތެރޭގައި ހިމެނެނީ ފަހިމާލެ ސްކީމަށް އެޕްލިކަންޓަކަށް 6-10 މިލިޔަން، ސަހަރު ސްކީމަށް 3 މިލިޔަން އަދި ރަށްވެހި ސްކީމަށް 1 މިލިޔަން ރުފިޔާ އެވެ.
"ހިޔާވެހި" ޕްރޮގްރާމުގައި އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ސަރުކާރުން ދޫކުރާއިރު، ދެން ހިމެނެނީ ބެންކުން ދޫކުރާ ފައިސާ އެވެ.
ހިޔާވަހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. މިއީ، އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;