ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ - ފައިލް ފޮޓޯ
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބެންކު އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.
Advertisement

ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފަ އެވެ.

އިތުރުކުރި އަކުރުގައި ބުނެފައި ވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ދެން ޖަމާކުރަން ޖެހޭނީ، މަރުކަޒީ ބެންކު (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބެންކު އެކައުންޓަށް ކަމަށެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކުރިއިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.  

"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

"ގައުމެއްގެ ގޮތުގައި ހިނގާ ގައުމުތަކުގައި ހުންނާނެ ވަރަށް އަސާސީ ސިފަތަކެއް. އެ ގައުމެއްގެ އަމިއްލަ ފައިސާ ހުންނާނެ. އެ ފައިސާއިން ނޫން އެއްޗަކުން މުއާމަލާތު ކުރުމަކީ ހުއްދަ ކަމަކަށް ނުވާނެ. އެއީ މަޖުބޫރުކަމެއްގެގޮތުގައި ތަހުޒީބު ގައުމުތަކުގައި މިއޮންނަނީ. ނަމަވެސް ރާއްޖޭގައި މި އުޅެނީ އެ ގޮތައް އަމަލު ކުރަން ފަސްޖެހިގެން،" ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަލީ ހާޝިމް ވިދާޅުވި އެވެ.


ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ އެ މީހުންގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ގޮތަށް ގަވައިދު އިސްލާހު ކުރިއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ނުވަތަ ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންގެ ތެރެއިން ގަވައިދަށް ފެތެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން މުސާރަ ލިބޭއިރު، ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުން ވެސް އުޅެ އެވެ. ބައެއް މީހުންނަށް ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އަދި ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ ކަމުގެ ޝަކުވާ ވެސް އޮވެ އެވެ.

މި ސަރުކާރުން ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމަށް ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އަޅާ އެއް ފިޔަވަޅަކީ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނު ބަދަލު ކުރުމެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.

މި ބަދަލުގެ އިތުރުން ބޭރު ފައިސާ މާރުކުރުމަށް މިހާރު ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތު އުވާލައި ކޮންމެ މަހަކުވެސް ފައިސާ މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމާއި، ގާނޫނުގައި ޑޮލަރުން މުއާމަލާތްކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޑޮލަރުން ހަދާ ޕޭމެންޓުތަކުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރުން ލާޒިމުކުރުން ހިމެނެ އެވެ.

މީގެކުރިން ވެސް، ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން އިސްލާހު ހުށަހެޅި އެވެ. އެ ކަން ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރި އެވެ.

އެ ޖޫރިމަނާ ކުރަން ފެށީ، ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށްވާއިރު، 28 ޑިސެމްބަރު 2017ގައި އެ ޖޫރިމަނާ ކުރުން ފަސްކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;