"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
ކުރީގެ ގަވަރުނަރު އިތުރަށް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ގައުމެއްގެ ގޮތުގައި ހުންނަ އަސާސްތަކުގެ ތެރެއިން ވަރަށް މުހިންމު އަސާސެއް ދޫކޮށްލައިގެން އުޅޭއުޅުން ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ރާއްޖޭގައި މާލީ މުއާމަލާތް ކުރުން ހުއްޓުވުމަށްޓަކައި، އޭނާގެ ގަވަރުނަރުކަމުގައި ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ސަރުކާރުން ވެސް އެކަމަށް ފަސް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ދިވެހި ރުފިޔާ ނޫން ފައިސާއަކުން ރާއްޖޭގައި މާލީ މުއާމަލާތް ނުކުރެވޭނެ ގޮތަކަށް އިންތިޒާމް ކުރެވޭނަމަ ޑޮލަރު ހޯދަން އުޅޭ މީހުން ބޮޑުތަނުން މަދުވާނެ ކަމަށެވެ.
އަލީ ވިދާޅުވީ ޑޮލަރުގެ ޑިމާންޑް ކުޑަ ކުރުމަށްޓަކައި ބޭންކްތަކުން އެކަނި ޑޮލަރު ގަނެ ވިއްކުމުގެ ކަންތައްތައް ކުރިއަށްގެންދެވޭގޮތެއް ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ހަމަ އެކަނި ބޭންކްތަކުން ޑޮލަރު ގަނެ ވިއްކާ ނަމަ ކަޅު ބާޒާރު އުފެދުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ރުފިޔާގެ ބޭނުން ނުކޮށް، ބައެއް ރިސޯޓްތައް ހިންގާކަމުގެ ވާހަކަތައް ދައްކާއިރު އެކަންކަން ނިމުމަކަށްގެންނަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.
ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;