
ދިވެހި ބަހުގެ އެކަޑަމީން ޅެން ހެދުމުގެ އޮންލައިން ކްލާސް ހިންގަން ނިންމީ 25 މީހުންގެ ޖާގައަށް ހުޅުވާލައިގެންނެވެ. އެކަމަކު އެކަމަށް އެދި ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު ޝައުގުވެރިވާ 420 މީހަކު ވަނީ ކްލާހުގައި ބައިވެރިވާން އެދިފަ އެވެ.
ޅެން ހެދުމުގެ އޮންލައިން ކްލާހަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސީއެންއެމް" އަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުގެ މީހުން މި ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
މިހެންވެ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި 13 އަހަރުން ދަށުގެ އުމުރުފުރާއިން ފެށިގެން 45 އަހަރުން މަތީގެ އުމުރުފުރާތަކުން މީހުން ބައިވެރިވެފައިވެ އެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު އަޝްރަފް ވިދާޅުވީ އެކި ކްލާސްތައް ކުރިއަށް ދާނީ ވަކި ގަޑިއިރުތަކަކަށް ކަމަށެވެ.
މިވަގުތު ކޮންމެ ދުވަހަކު ދެ ކްލާސް ކުރިއަށް ގެންދަން ނިންމާފައި އޮތީ ހެނދުނާއި ރޭގަނޑު ކްލާހެއް ބާއްވައިގެންނެވެ. މިއިން ކޮންމެ ކްލާހެއްގައި ތިރީސް ކުދިން ތިބޭނެ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް އިތުރަށް ވިދާޅުވި ގޮތުގައި ޅެން ހެދުމުގެ އޮންލައިން ކްލާސް ހިންގަން ނިންމީ 25 މީހުންގެ ޖާގައަށް ހުޅުވާލައިގެން ނަމަވެސް މިކަމަށް އެދުނު 420 މީހުންނަށް ވެސް ކްލާސްތައް ހިންގާނެ ކަމަށެވެ. ހިލޭސާބަހަށް ކުރިއަށް ގެންދާ މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެކަމަށް އެދުނު އެންމެނަށް ދޭން ނިންމިއިރު ޖުމްލަ 14 ކްލާހެއް ކުރިއަށް ގެންދާނެ އެވެ.
ހުރިހާ އުމުރު ފުރާއަކަށް ހުޅުވައިލައިގެން ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކްލާހަކާއި، ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކްލާހެއް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ބަހުގެ އެކަޑަމީން ހުޅުވާލި ފުރުސަތުގައި ވަނީ 1200 އާ ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލާފަ އެވެ.
ދިވެހި ބަހާއި އަދަބިއްޔާތަށް މީހުންގެ ލޯބި ޖައްސައި އެފަދަ ހުނަރުތައް އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ކްލާސްތަކަށް ލިބިފައިވާ ބޮޑު ތަރުހީބާއި ގުޅިގެން އިތުރު ކްލާސްތައް ވެސް ކުރިއަށް އޮތްތަނުގައި ހިންގާނެ ކަމުގެ ޔަގީންކަން އެކަޑަމީން ދެ އެވެ.