ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހަށް ނެރެން އާއްމު މެންބަރުން ބާރު އަަޅަން ފެށުމުން "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން އޭނާ ނިކުމެ ވަޑައިގެންފައިވާ ކަމުގެ ހަބަރު ސޯޝަލް މީޑިޔާގައި ފެތުރިފައިވާ ދަނޑިވަޅަކާއި ދިމާކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ "ބޮޑު ބަދަލު" ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން "ނުކުމެލިން" ކަމަށާއި އެކަމަކު އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމުގަ އެވެ.
ކުރިން ވާދަވެރިކޮށް ފެނުނު ނަޝީދާއި، ފައްޔާޒު އެމްޑީޕީގެ ތެރެއިން އެއްކޮށް މަސައްކަތް ފެށްޓެވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނަވަން ފެށްޓެވި ކެމްޕޭނާ އެކު އެވެ.
އަދި އޭރު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒު ގެންނަވަން ތާއީދުކުރައްވައިފަ އެވެ.
އަދި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދާއި ފައްޔާޒު އެކުގައި މަސައްކަތް ފެށްޓެވީ "ބޮޑު ބަދަލު" ގެ ނަމުގައި އެކުލަވާލި މެނިފެސްޓޯއަކާ އެކުގަ އެވެ.
ނަޝީދާއި، ފައްޔާޒުގެ "ބޮޑު ބަދަލު" މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލު ކުރުމެވެ.
އެ މެނިފެސްޓޯ އިފްތިތާހުކުރައްވަން އޭޕްރިލް 19، ގައި ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމެކެވެ.
އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ދައުލަތުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ.
އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;