ads
ދަރިފުޅު
ދަރިފުޅު - 50 ވަނަ ބައި
އެޕިސޯޑް 50
Advertisement

ހިތްގައިމު ގޮނޑުދޮށުގެ އެންމެ އިޝްގީ މެހެފިލްގައި  'ލޯބި ކުރީމެވެ.'  ހެކިވަމުންދިޔަ ތަރިތަކާއި ރޭގަނޑަށް ފަރިވަމުންދިޔަ ހަނދުގެ ނަލަ ހަނދުވަރު މަތީގައި ހީސަމާސާ ކުރީމެވެ. 

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު އަހަރެންގެ ދެ އަތް މަތީގައި ކައިރާ އުފުލާލީމެވެ. ލޮނުގަނޑުގައި ނުޖައްސައި ޑިންގީއަށް އެރުވުމަށެވެ. އަހަންނަކީ ލޯންޗް އަދި ޑިންގީފަދަ އެއްޗެއް ދުއްވާން އެނގޭނެ މީހެއްކަން މީގެ ކުރީން ކައިރާއަކަށް ނޭގޭނެ އެވެ. ނަމަވެސް މިރޭ މިއީ ސިއްރުގެ ސަފުހާ ހުޅުވައި އެ ސޮފުހާގައި ކައިރާގެ ގަލަމުން ލިޔުމުގެ ހުއްދަ އަހަރެންގެ ފަރާތުން ހަވާލުކުރާ ރެ އެވެ. ސިއްރެއްވެސް ނުވަތަ ވަންހަނާ ކޮށްފައިވާ ކަމެއްވެސް އަހަރެންގެ ހަޔާތުގައި މިރޭގެ ފަހުން ބައްވާކަށް ބޭނުމެއް ނޫނެވެ. ކައިރާ ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ އިހުތިޔާރު މިރެއިން ފެށިގެން އޭނާއަށް ހިބަކުރީމެވެ. 

ޑިންގީއަށް އެރުވުމާއެކު ތަފާތު ސުވާލުތައް ކުރިމަތި ކުރި އެވެ. ހިނދުކޮޅަކަށް ކެތްތެރިވުމަށް އެދުނީމެވެ. ވަށައިގެން ކައިރާ ހޯދަމުން ދިޔައީ އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރެވޭތޯ އެވެ. ނަމަވެސް އަހަރެންގެ ރޭވުން މިރޭ މާ ފުރިހަމަވާނެ އެވެ. އަހަރުމެންގެ މެންދަން ފަޅުފިލުވުމަށް ހަމަޖެހިފައިވާ ޔޮޓްގެ ހުރިހައި އަލިކަމެއް ނިވާލާފައި އޮތުމުން އަނދިރީގެ ތެރެއިން، ކައިރާއަށް ފާހަގަ ނުކުރެވުނީ އެވެ. 

ޔޮޓްގެ ދާދި ގާތަށް ލޯންޗް ހުއްޓާލުމާއެކު ކައިރާގެ އަނގަމަތީގައި އަތް އެޅި އެވެ. ލިބުނު އުފާވެރިކަމާއި ހައިރާންކަމަށް އެ ލޯބި މުނާއި ދެ ލޯ ހެކިދެ އެވެ.

"އަހަރެންނަށްޓަކައިތަ؟" އަންތަރީސްވެފައި ސުވާލުކުރިއިރު އޭނާގެ ލޮލުން ވިދާލާ ކަރުނައިގެ ސާފުކަން ބަބުޅާލީ ހަނދުގެ ރިހި އަލި އެ ރީތި ދެ ލޮލަށް އެޅިފައި ހުރީތީ އެވެ.

"އަހަރުމެންނަށްޓަކައި" އަހަރެންގެ އަޑުގައި ހުރި ތަފާތު އަމިއްލަ ކަންފަތަށްވެސް ގަބޫލެއް ނުކުރެވުނެވެ. އަހަންނަކީ މިހައި އިޝްގީ މީހެއްކަން ކުރިއަކުން ނުދެނަހުރީމެވެ.

އެންމެ ފަޅުވެރިޔަކު ފިޔަވައި އިތުރު އެއްވެސް މުވައްޒަފަކު މި ޔޮޓުގައި މިރޭ ނޫޅޭނެ އެވެ. އަހަރެންނާއި ކައިރާގެ އަމިއްލަ މިނިވަންކަމަށް ކުޑަވެސް ހުރަހެއް އެޅެން ބޭނުން ނުވާތީ އެވެ.

ޗޮޓްގެ އެންމެ މަތީގައި އަހަރުމެން ދެމީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ 'ތަންމަތީގައި' ކައިރާ ބާއްވާލީމެވެ. ބާލީސްތައް އެއް ފަރާތަކަށް ޖައްސައިލާފައި އަހަރެންވެސް ކައިރާއާއި ދާދި ގާތުގައި ހަމަޖެހިލީމެވެ.

"ކައިރާއާއި މަޝްވަރާކޮށްލަން ބޭނުންވާ ބައެއް ކަންކަން އެބަހުރި" މުހިއްމު މައުލޫއަށް ދިއުމަށް ވަގުތު ބޭކާރު ކުރާން އަހަރެން ބޭނުމެއް ނޫނެވެ.

"އޫމްމްމް... ހޫމްމމް.. މިސާލަކަށް؟"

"ވަރަށް މުހިއްމު ބައެއް ކަންކަން.."

"ވަރަށް ބައިވަރުތަ؟" 

ކުޑަކުއްޖަކު ފަދައިން ކައިރާ ސުވާލުކޮށްލުމުން ހިނިވެސް އައި އެވެ.

އިހުނަށްވުރެންވެސް ގާތްވެލީމެވެ. 

ކައިރާ ބޭނުންކޮށްފައިވާ ހިތްގައިމު ސެންޓުގެ ވަހުން އަހަރެންގެ ހިއްސުތަކުގައި ރޯވަމުންދިޔަ ހުޅުގަނޑަށް ފަރުވާއެއް ބޭނުންވި އެވެ. އެތަށް އިރަކު ބުރަކި ޖައްސައިގެން ހުރުމަށްފަހު މަޑުމަޑުން  ދޫވަމުންގޮސް އަހަރެންގެ ލަގަށް، އަސްލު މަންޒިލަށް ދީލާލީމެވެ. 

ލިބުނު ފޮނި މީރުކަމުގައި ދެ ލޯ މަރައި ލެވުނެވެ. ކައިރާގެ ޝޯލްގައި ޖަހާފައިވާ ބައެއް ޕިންތައް އެކިދިމަދިމާއަށް ބުރައިގެން ދިޔަކަންވެސް ދެނަހުރީމެވެ. ނަމަވެސް އުތުރި އަރަމުންދިޔަ އިހްސާސްތައް ހިފަހައްޓާކަށް މިވަގުތު ބޭނުމެއް ނޫނެވެ. އަހަރެންނާއެކު އެއް ރާގަށް ކައިރާގެ ހަރަކާތްތައް އަވަސްކޮށްލި އެވެ. 

ކަނޑުން އުފެދުމެންދިޔަ ގުދުރަތީ ސާފުވައި އަހަރުމެންގެ ހަށިގަނޑުގައި ބީހެމުންދިއަޔަސް، އެތެރެހަށީގެ ހޫނު ދިރުމަށް އޮކްސިޖަން ބޭނުންވާތީ ދުރަށް ޖެހިނުލައި ނުވި އެވެ. 

އަހަރެންގެ ބާރުގެ ދަށުން ސަލާމަތްވުމަށް ކައިރާ ކުޑަވެސް މަސައްކަތެއް ނުކުރެ އެވެ. ދެމީހުންގެ ހިއްސާ އެއްވަރަށް އޮތްނަމަވެސް ކޮންޓްރޯލް ކުރުމުގައި އަހަރެން ކުރި ހޯދީމެވެ. ނޭވާގެކޮޅަށް ފީނިއްޖެކަން ޔަގީންވުމުން، ދެމީހުންގެ މޫނު ދުރަށް ޖައްސައިލީމެވެ. ނަމަވެސް ދެ ނިއްކުރި ޖައްސައިލައިގެން، ދެ ލޯ މަރައިލައިގެން އިރުކޮޅަކު ތިބުމަށް މަޖުބޫރުވީ ނޭވާ ހަމަޔަކަށް އަޅުވައިލުމަށް ވަގުތުކޮޅެއް ބޭނުންވާތީ އެވެ. 

ކައިރާގެ ތުންފަތް ފޮހެލައިދިނީ އަހަރެންގެ ކަނާއަތުގެ ބޮޑުވައި އިނގިލިންނެވެ. ލަދުވެތިކަމާއެކު އަހަރެންގެ މޭގައި ބޮނޑިވެލުމުން އުފަލާއެކު އެ ހަށިގަނޑުގައި ދެ އަތް ވަށައިލީމެވެ. 

"ކައިރާ، ޕްރިންސެސް... އަހަރެންގެ ޒަމީރު އެއްބަސް ނުވިޔަސް ދުރަށް ޖެހިލަން މިވަގުތު ވަރަށް މުހިއްމު.. ކިސް ކުރުމުގައި މުޅި ރޭ ހޭދަކުރާން ޖެހުނަސް، އެކަމުގައި އަހަރެން ވަރުބަލި ނުވާނެ.. އެކަމަކު ދެމީހުން ވާހަކަ ދެއްކުން މިރޭ މާ މުހިއްމު!" ދެތިން ފަހަރަކު ކައިރާގެ ތުންފަތުގައި ލޯބިކޮށްލަމުން ވަރަށް ލޯތްބާއެކު އަހަރެން ބުނީމެވެ.

"ހޫމް.."

"ފުރަތަމަ ކަމަކީ، ކައިރާ ބޭނުން ވަނީ ކޯޓުގައި ކައިވެނި ކުރަންތޯ ނުވަތަ ގޭގައި ކައިވެނި ކުރަންތޯ ނޫނީ ދެމީހުންގެ ރައްޓެހިންނާއެކު ބޮޑު ހަފްލާއެއްގައި ކައިވެނި ކުރަންތޯ؟" ވަރަށް ސީރިއަސްކޮށް އަހަރެން ސުވާލުކުރީމެވެ. 

"ހަމައެކަނި ކޮންމެހެން ތިބެންޖެހޭ ބަޔަކާއެކު ގޭގައި" ކައިރާ އެންމެ ބޭނުންވާ ގޮތް އޭނާ ހާމަކުރި އެވެ. 

"ޔަގީން..؟"

"ޔެސް، މާ ބޮޑު ކަންތައް ގަނޑަކަށް ހަދާކަށް ބޭނުމެއް ނޫން.. އަހަރެންގެ ފަރާތުން ގެންނާނެ ބަޔަކު ނުތިބޭނެ... ވަލީ ދޭނެ މީހެއްގެ ގޮތުގައި ކަނޑައަޅަންޖެހޭނެ ގޮތް މާލިކްއަށްވެސް އިނގޭނެ.. ބޭބެ ނޫން އެހެން މީހަކު އަހަރެންގެ އާއިލާގައި މިހާރަކު ނުހުންނާނެ.. މާލިކްގެ ފަރާތުން ގެންނާނެ ކޮންމެ މީހަކަށް އަހަރެން މަރުހަބާ ކިޔާނަން" ޔަގީންކަމާއެކު ކައިރާ ބުންޏެވެ.

"އޯކޭ.. ވީ އެންމެ އަވަހަކަށް  ފުރިހަމަކަމާއެކު، ހަމަ ތިގޮތަށް ތިކަންކަން ކޮށްދޭނަން" އަހަރެން ވައުދުވީމެވެ.

"ތެންކިޔު"

"ދެން އޮތް ކަމަކީ... ވަރަށް މަސައްކަތުން ... އިއްޔެ ... ހެނދުނު... ކައިރާގެ މައިންބަފައިންނާވެސް ... އަހަރެން ބައްދަލުކޮށްފިން" ޖެހިލުންވެފައިވެސް އަހަރެން ތެދު ހެދީމެވެ. 

ކުއްލިޔަކަށް އަހަރެންގެ އަތުތެރެއިން ކައިރާ ނިކުމެއްޖެ އެވެ. ލިބުނު ހުސްކަން އަހަރެންގެ ހަށިގަނޑު މާޔޫސްކޮށްލި އެވެ.

"މާލިކް... ހެޔޮނުވާނެ! އަހަރެން ކައިރީގައި ބުނެވެސް ނުލާ.. ކީއް ތި ކުރީ!" ހިތްހަމަނުޖެހުމާއެކު ކައިރާ ބުންޏެވެ.

"ހަމަޖެހިބަލަ ބޭބީ ގާރލް! އަހަރެންގެ ވާހަކަ އަޑު އަހާބަލަ" މިވަގުތަށް އަހަރެން ތައްޔާރެވެ. 

ކައިރާ ހަމަޔަކަށް އެޅުވުން ފަސޭހަ ނުވާނެކަން އެނގެ އެވެ. މިވަރުގެ އެކަހެރި ތަނެއް އަހަރެން އިހްތިޔާރުކުރި ހަމައެކަނި ސަބަބަކީވެސް މިއީ އެވެ. 

"ނޫން.. ހަމައެއް ނުޖެހޭނެ! ތިވަރުކަމެއް މާލިކް ކުރާނެކަމަށް ހިއެއް ނުކުރަން! މިހާރު އަހަރެން އުޅޭތަން އެމީހުންނަށް އެ އިނގުނީ.. މާލިކްއާއެކު އަހަރެން އުޅޭކަންވެސް އެ އިނގުނީ.. އަހަރެންނާއި ބީނިޝް އަދި މާލިކްއާއި ބޭބެގެ ދިރިއުޅުންވެސް ތިވައްޓާލީ ބޮޑު ނުރައްކަލަކަށް.. ޔާ ﷲ! މިއަޅާއާއި މިއަޅާގެ ލޯބިވާ އެންމެން، އެމީހުންގެ ނުބައިކަމުން ސަލާމަތް ކުރައްވާންދޭވެ! އަހަންނަށް އަނގައި ނުލައި މިވަރުކަމެއް މާލިކް ކުރާނެ ކަމަށް ހިއެއް ނުކުރަން.. ވަރަށް ދެރަވެއްޖެ.. ވަރަށް މާޔޫސްވެއްޖެ" ފެންކަޅިވެފައި އަހަރެންގެ ކައިރާ ބުނެލި އެވެ. އޭނާގެ އަޑާއި މުޅި ހަށިގަނޑުވެސް ތުރުތުރުއަޅާން ފަށައިފި އެވެ.

"ބްރީތް، ބޭބީ ގާރލް! ޕްލީޒް.. މަޑުމަޑުން ނޭވާލާން މަސައްކަތްކުރޭ" އަހަރެންގެ އަޑުވެސް ބެދިއްޖެ އެވެ. މިވަރު ވޭނެއް ކައިރާއަށް ދިނުމުގެ މަގުސަދެއް އަހަރެންގެ ނެތެވެ.

"ލެޓް މީ ގޯ، އަހަރެން ގައިގައި މާލިކް އަތް ނުލާތި" ކަރުނައިގެ ތެރެއިން ބެދިފައިވާ އަޑަކުން ކައިރާ އަމުރު ކުރީ އޭނާ ގައިގަ އަތް ނުލުމަށާއި އަހަރެން ދުރަށް ޖެހުމަށެވެ. 

އަމާން ދިނުމަށް ދެ އަތް އުފުލައިލީމެވެ. ކުޑަވެސް މަޖުބޫރުކަމެއް ނުވަތަ ގަދަ ދެއްކުމެއް އަހަރެންގެ ފަރާތުން ކައިރާއަށް އިހްސާސް ކުރުވާކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ. ދުރަށް ޖެހިލާ ދެ ފިޔަވަޅެއް ފަހަތަށް އެޅީމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;