އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ޕާކިސްތާންގެ ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން އިސްލާމްއާބާދުގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ބިޒްނަސް ފޯރަމްގަ އެވެ.
މޯލްޑިވިއަން އިން ޕާކިސްތާނަށް ދަތުރުތުތައް ފަށާނެކަން ރައީސް އިއުލާން ކުރެއްވިއިރު، ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕީއޭގެ ދަތުރުތައް ރާއްޖެއަށް ފެށުން އަވަސް ކުރުމަށް އަންގަވާފައިވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ދެ ގައުމު ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ލިބޭނެކަމެއްކަމަށް ދެ ގައުމުން ވެސް ފާހަގަކުރައްވާފައިވެ އެވެ.
މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.