އޭމްބާގެ އަތުން ލިބުނު އެއް މިލިއަން ޑޮލަރުގެ ބަދަލު ޖޮނީ ޑެޕް ހަދިޔާކޮށްފައިވަނީ ފަސް ޗެރިޓީއަކަށެވެ. އެގޮތުން އެ ފައިސާ އެއްވަރަކަށް ބަހާލައިގެން ކޮންމެ ޗެރިޓީއަކަށް ދެލައްކަ ޑޮލަރު އޭނާ ވަނީ ދީފަ އެވެ.
ޖޮނީ ޑެޕްގެ އެހީތެރިކަން ފޯރުކޮށްދިން ޖަމިއްޔާތަކަކީ އެކި ދާއިރާތަކުން މީހުންނަށް އެހީތެރިވަމުން އަންނަ ޖަމިއްޔާތަކެކެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ކަންކަމާއި، ސިއްހީ ދާއިރާގެ ދިރާސާތައް ކުރުމާއި، އަދި އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނެ އެވެ.
މި ދެ ތަރިންގެ ދެމެދުގައި ކުރިއަށްދިޔަ އަބުރުގެ މައްސަލައަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ ބޮޑު މައްސަލައެކެވެ. އެތައް ދުވަހެއް ވަންދެން ކޯޓުގައި ކުރިއަށްދިޔަ މި މައްސަލަ ނިމި، ދެ ފަރާތުން އެއްބަސްވުމަކަށް އައީ އޭމްބާގެ ފަރާތުން ބަދަލުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖޮނީ ޑެޕަށް ދިނުމަށެވެ.
ބަދަލުގެ ގޮތުގައި ލިބުނު ބޮޑު އަދަދު އެއްކޮށް ޗެރިޓީތަކަށް ދިނުމުން ގިނަ ބަޔަކު އަންނަނީ ޖޮނީ ޑެޕަށް ތައުރީފު ކުރަމުންނެވެ. އަދި މިކަމުން ދައްކައިދެނީ އޭނާ ކޯޓަށް ދިޔައީ ފައިސާގެ ބޭނުމުގައި ނޫން ކަމާއި، އޭނާ ބޭނުންވީ ހަމައެކަނި އޭނާގެ ނަން ސާފުކުރަންކަން ކަމަށް ސަޕޯޓަރުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;