ތިން ވަނަ ކުއާޓަރުގެ އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، ގާތްގަނޑަކަށް އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި، 181 މިލިއަން ރުފިޔާ އުރީދޫއަށް ވަނީ ލިބިފަ އެވެ.
ޖުމުލަ 577 މިލިއަން ރުފިޔާގެ އާމްދަނީއެއް ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނުއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ޚިދުމަތްތަކުންނެވެ. މިގޮތުން، އެ ޚިދުމަތްތަކުން 398 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒަސް ޚިދުމަތްތަކުން ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނީ، 177.8 މިލިއަން ރުފިޔާ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ހިންގުމުގެ ޚަރަދުގެ ގޮތުގައި އުރީދޫން ވަނީ، 805 މިލިއަން ޚަރަދުކޮށްފައެވެ. މިގޮތުން، މިދިޔަ ތިން ވަނަ ކުއާޓަރުގައި ވަނީ، 283 މިލިއަން ހަރަދުކޮށްފަ އެވެ.
އެ ކުއާޓަރުގައި އުރީދޫން ވަނީ ޚިދުމަތްތަކެއް ވެސް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި، ޗައިލްޑް ސޭފްއާއި ޓްރޫ ކޯލާ ޕްރިމިއަމްގެ އިތުރުން ސޮނީ ލިވް ސަބްސްކްރިބްޝަން ހިމެނެ އެވެ.
އޫރީދޫން ބުނީ އެ ކުންފުނީގެ ކާމިޔާބީތަކަކީ ހަމައެކަނި ވިޔަފާރީގެ ކުރިއެރުންތައް ނޫން ކަމަށެވެ. މުޖުތަމައުގެ ކުރިއެރުމާއި ލާބައަށް އެ ކުންފުނިން މުހިއްމު މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް އުރީދޫން ބުނީ ޑިޖިޓަލް ދާއިރާއަށް ހޭލުންތެރިކޮށް ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްގީއަށް ހިންގާ ހަރަކާތްތަކަކީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.