ފުލުހުން ބުނީ މި މަސައްކަތަށް ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލުކޮށް، އަލުން އެ ފުރުސަތު އާންމުކޮށް ހުޅުވާލަން ނިންމީ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިއުލާނާއެކު އޮތް ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް، އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 12 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އަދި ބީލަމާ ގުޅޭގޮތުން ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ނޮވެމްބަރު 2026 ގެ މެންދުރު 12:00 އެވެ. ބީލަން ހުޅުވުން އޮންނާނީ 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ހުޅުމާލޭގައި ޓޯ ކުރުމުގެ ހިދުމަތް ވަރުގަދަކުރަން ފުލުހުން މަސައްކަތް މި ފެށީ، ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ބަސް ދަތުރުކުރާ މަގުތަކަށާއި، ކަފިހިހުރަސްތަކާއި ކަންމަތިތަކަށް ދަތިވާ ގޮތަށް އަދި ނުރައްކާވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
މީގެ އިތުރުން ގިނަ ދުވަސްވެ މަގުމަތީގައި ދޫކޮށްލާފައި ހުންނަ ބާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ގެންގުޅޭ އުޅަނދުތައް ނަގައި މަގުތައް ތަރުތީބުކުރުމަށް ހާއްސަ ހަރަކާތްތަކެއްވެސް ފުލުހުން އަންނަނީ ހިންގަމުންނެވެ.