މިކަން އޭނާ ހާމަކުރެއްވީ، އެކި ތަންތަނުގެ ނަންތައް ބަދަލުކުރުމާއި ތަންތަނުގެ މިލްކުވެރިކަމަށް ދައުވާކޮށް އާންމުކުރި ސިލްސިލާ ޕޯސްޓުތަކެއްގެ ތެރެއިންނެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ހޯމޫޒް ކަނޑުއޮޅިއަށް އަމިއްލަ ނަން ދިނުމަށް ޓްރަމްޕް ހުށަހެޅުއްވިއިރު، މީގެ އިތުރުންވެސް ބައެއް އެހެން ތަންތަނުގެ ނަން ބަދަލުކުރުމަށް އޭނާ ވަނީ ހިޔާލުފާޅުކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ ނަން "ނިއު އެމެރިކާ" ގެ ނަމަށް ބަދަލުކުރުމަށްވެސް އެ ޕޯސްޓުތަކުގައި ޓްރަމްޕް ވަނީ ގޮވާލައްވާފަ އެވެ.
މި ޕޯސްޓުތަކުގެ ތެރެއިން އެންމެ ބޮޑަށް މީހުންގެ ސަމާލުކަން ހުއްޓުނު އަނެއް ކަމަކީ، "ހަނދަކީ އަހަރެމެންގެ ތަނެއް" ކަމަށް ލިޔެފައިވާ ފޮޓޯއެއް ޓްރަމްޕް އާންމުކުރެއްވުމެވެ. ހަނދުގެ މިލްކުވެރިކަމަށް ދައުވާކުރައްވައި ޓްރަމްޕް ޕޯސްޓު ކުރެއްވުމާއެކު، އިންޓަނޭޓުގައި ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ.
ޓްރަމްޕް މިފަދަ ދައުވާއެއް ކުރެއްވި ނަމަވެސް، އިންޓަނޭޝަނަލް ގާނޫނުތަކާއި މުއާހަދާތައް ބުނާ ގޮތުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ގައުމުތަކުން 1967 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ "އައުޓަ ސްޕޭސް ޓްރީޓީ" ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގައި، ހަނދު ނުވަތަ ޖައްވުގައިވާ އެހެން އެއްވެސް ތަނެއްގެ މައްޗަށް އެއްވެސް ގައުމަކަށް ސިޔާދަތީ ބާރު ހިންގައި މިލްކުވެރިކަމުގެ ދައުވާއެއް ނުކުރެވޭނެ އެވެ.
ގާނޫނީ ގޮތުން ބުރަދަނެއް ނެތް މިފަދަ ވާހަކަތަކެއް ޓްރަމްޕް ދެއްކެވުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔައި މަލާމާތް ކުރަމުންނެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި، ހޯމޫޒް ކަނޑުއޮޅިއަށް ނަން ދިނުމާއި ހަނދު އަމިއްލަ ކުރުމަށް ޓްރަމްޕް ކުރެއްވި މި އަމަލަކީ، އާންމުންގެ ސަމާލުކަން ހޯދުމަށް އޭނާ ކުޅުއްވި އިތުރު ސިޔާސީ ކުޅިވަރެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;