އެ ގައުމުގައި ރީތީގެ މުބާރާތްތައް ބޭއްވުން މަނާކުރުމަށްފަހު، މޭކަޕާއި ފެޝަނުގެ ބަދަލުގައި އަންހެން ކުދިންގެ ސިކުނޑީގެ ތޫނުފިލިކަން ވަޒަންކުރާ ބޮޑު ސައިންސް މުބާރާތެއް މިވަނީ ފަށާފައެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ވަނީ މުޅި ގައުމުގައި ރީތީގެ މުބާރާތްތައް ބޭއްވުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އެ ގައުމުގެ ކަލްޗަ އެންޑް އާޓްސް މިނިސްޓްރީން ބުނި ގޮތުގައި މިފަދަ މުބާރާތްތައް މަނާކުރީ އެ ގައުމުގެ ސަގާފަތާއި އިޖުތިމާއީ އަގުތައް ހިމާޔަތްކުރުމަށެވެ. އަދި އަންހެނުންގެ ކަރާމާތް ރައްކާތެރިކުރުމަކީ އޭގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރީތީގެ މުބާރާތްތައް މަނާކުރިތާ ދެ މަސް ފަހުން، އެ ގައުމުގެ ރައީސް އިބްރާހިމް ޓްރައޯރޭގެ އިސްނެންގެވުމަކަށް އޮގަސްޓު މަހު ވަނީ "ހަކިލި މޫސޯ" ގެ ނަމުގައި ހާއްސަ މުބާރާތެއް ތައާރަފުކޮށްފައެވެ. މި ނަމުގެ މާނައަކީ "އަންހެނުންގެ ވިސްނުންތޫނުކަން" މިއެވެ. މިއީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން އަންހެން ކުދިން ކުރިއެރުވުމަށް ފެށި ގައުމީ ފެންވަރުގެ ބޮޑު މުބާރާތެކެވެ.
ބުރުކިނީ ފާސޯގެ ވެރިއާ އިބްރާހިމް
މި މުބާރާތުގައި މުޅި ގައުމުން ހޮވާލެވުނު 84 އަންހެން ކުދިން ވަނީ ވާދަކޮށްފައެވެ. މި ކުދިންނަކީ ސައިންސްގެ ރޮނގުން މަތީ ސާނަވީ ތައުލީމު ނިންމި ކުދިންނެވެ. މުބާރާތުގައި މައިގަނޑު ގޮތެއްގައި ކުދިންގެ ފެންވަރު ބަލާފައިވަނީ ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ ފަދަ މާއްދާތަކުންނެވެ. މިއީ އާންމުކޮށް ފިރިހެނުން ގިނަ މި ދާއިރާތަކަށް އަންހެން ކުދިން ނެރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
މުބާރާތުގެ އެކި މާއްދާތަކުން އެންމެ މަތީ ވަނަތައް ހޯދި ކުދިންނަށް ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ދީފައެވެ. އެގޮތުން ކޮންމެ މާއްދާއަކުން އެއްވަނައަށް ދިޔަ ކުއްޖަކަށް ދެ މިލިއަން ފްރޭންކްގެ ފައިސާގެ އިނާމަކާއި، ލެޕްޓޮޕެއް އަދި ސައިކަލެއް ވަނީ ދީފައެވެ. މީގެ އިތުރުން ޔުނިވާސިޓީގައި ކިޔެވުމަށް ދައުލަތުގެ ހަރަދުގައި ސްކޯލާޝިޕްތައް ވެސް ވަނީ އެ ކުދިންނަށް ހަމަޖައްސައިދީފަ އެވެ.
މުބާރާތުން ވަނަތައް ހޯދި ކުދިންނާ ބައްދަލުކުރައްވައި ބުރުކީނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޯރޭ ވިދާޅުވީ، ގައުމު އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ސައިންސްގެ ދާއިރާއިން ކުރިއަށްދާ ޒުވާނުން ބޭނުންވާ ކަމަށެވެ. އަދި އަންހެން ކުދިންނަކީ ވެސް މިފަދަ އުނދަގޫ ދާއިރާތަކުން ކާމިޔާބު ހޯދިދާނެ ބައެއްކަން ސާބިތުކޮށްދިނުމަށް އެމަނިކުފާނު ވަނީ އެ ކުދިންނަށް ހިތްވަރު ދެއްވާފައެވެ.
ބުރުކީނާ ފާސޯގެ މި ނިންމުމަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. އަންހެން ކުދިންގެ އަގު ވަޒަންކުރަން ޖެހޭނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމުން ނޫން ކަމަށާއި، އެ ކުދިންގެ ސިކުނޑީގެ ގާބިލުކަމުންކަން މި މުބާރާތުން ވަނީ ސާބިތުކޮށްދީފައެވެ. މިއީ މުޅި ދުނިޔެއަށް ވެސް ދައްކައިދިން ވަރަށް ފުރިހަމަ ނަމޫނާއެކެވެ.