މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔައި އިންޑިއާ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ އެހީގައި ރާއްޖޭގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ތިލަފުށީގެ ބަނދަރު މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ އެވެ.
އެއީ ދިވެހި ސަރުކާރުން ޗައިނާ އަށް އިސްކަންދިނުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެ ވާހަކަތައް ދޮގުކޮށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ނިންމުމަކީ ހަމައެކަނި ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި މިއީ އެއްވެސް ހާރިޖީ ބައިވެރިއަކާ މެދު އޮތް ގުޅުމަށް ބަދަލެއް އައިސް ނުވަތަ ވަކި ގޮތަކަށް ދެކޭތީ ނިންމި ނިންމުމެއް ނޫން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެއިތުރުން، ތިލަފުށީ ބަނދަރު ތަރައްގީކުރުމާއި، އޭގެ މިލްކުވެރިކަމާއި އަދި ހިންގުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ގާނޫނާއި ގައުމީ މަސްލަހަތު ތަންދޭ މިންވަރުން ބޭރުން، ރާއްޖޭގެ އުމްރާނީ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ ހައްގު މާޒީގައި އަދި މިހާރުވެސް އެއްވެސް ބޭރުގެ ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ:
މުދާ އުފުލާ ދޯނިތަކަށް ފަސޭހަކަމާ އެކު ބަނދަރުކުރެވި، މުދާ އަރުވާ ބޭލުމަށް ބަނދަރުގައި ހޭދަކުރަން ޖެހޭ ދުވަސްތައް މަދުވާނެ
ރަށްރަށަށް މުދާ ގެންދިޔުން އަވަސްވާނެ
މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މިހާރު މާލޭގެ އެންމެ ކާރޫބާރު ބޮޑު އެމްޕީއެލް ސަރަހައްދާއި މާރުކޭޓު ސަރަހައްދު ދުއްވާ ތަކެއްޗަށް ފަސޭހަވެ، މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަ ސަރަހައްދަކަށް ވާނެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;